22 May 2014, 12:36
ރޭގެ މެޗްގައި ލަނޑު ޖެހުމަށް ފަހު "ސެލިއުޓު" ނެގީ މެޗު ބައްލަވަން ދަނޑަށް ވަޑައިގެން ތިއްބެވި ތިން ރައީސުންނަށް ކަމަށް ގައުމީ ޓީމުގެ ކެޕްޓަމް އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.
ދަގަނޑޭގެ ފޭސްބުކް ޕޭޗުގައި ބުނެފައި ވަނީ އޭނާ ރޭގެ މެޗްގައި ސެލިއުޓް ނެގީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކަމަށާއި އެ ތިން ބޭފުޅުން ވެސް މެޗު ބައްލަވާލެއްވުމަށް ގައުމީ ފުޓްބޯޅަ ދަނޑަށް ވަޑައިގަތުމުން ޝުކުރުު އަދާ ކުރުމަށް ކަމަށެވެ.
ކުރިއަށް އޮތް މެޗްގައި ވެސް އެ ތިން ބޭފުޅުން ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ދަގަނޑޭ ބުންޏެވެ.
ރޭގެ މެޗުގައި ރާއްޖޭގެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދިނުމަށް ފަހު ދަނޑުމަތީގައި ރައީސުންގެ ކުރިފުޅުމަތީ ހުރެ އަޝްފާގު ސެލިއުޓް ނެގި އެވެ. އަދި ރައީސް ޔާމީންނަށް އިޝާރާތްކޮށް ބުނި ކަމަށްވެ އެވެ. "ހެޕީ ބާތު ޑޭ ސާ. އުފަންދުވަހުގެ ހަދިޔާ މިހާރު ދީފިން،" ކަމަށެވެ. އޭނާ އެހެން ބުނި އަޑު ދަނޑުގެ އެ ދިމާލުގައި ތިބި ސަޕޯޓަރުންނަށް އިވޭނެވެ. އެ ދެ ޖުމްލަ މިހާރު ވެސް ސޯޝަލް މީޑިއާގައި އެ ދަނީ ދައުރުވަމުންނެވެ.
ރައީސަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި ދަގަނޑޭ އިއްޔެ ވަނީ ރައީސަށް ގުޅުއްވާފަ އެވެ. ރައީސަށް ގުޅުއްވައި އުފަންދުވަހުގެ ތަހުނިޔާ ކިޔުމުން، ރައީސް ވިދާޅުވި ކަމަށް ވަނީ ރޭގެ މެޗުން ރާއްޖެ މެޮޅުކޮށްދިނުމަށެވެ.
ރައީސް ޔާމީން ވަނީ އެމަނިކުފާންގެ އުފަން ދުވަހުގެ ހަދިޔާއަކަށް ރޭގެ މެޗުން ރާއްޖޭގެ ގައުމީ ޓީމް މޮޅުކޮށްދިނުމަށް އަޝްފާގުގެ ކިބަިއން އެދިވަޑައިގެންފަ އެވެ.