22 May 2014, 12:34
ގާނޫނުތައް ތަންފީޒުކޮށް އަމަނު އާންމު ބަލަހައްޓާ ފުލުހުންގެ އިދާރާގެ ވަޒީފާ އަށް އިތުރު މީހުން ވެއްދުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިމަހުގެ 29ގެ ނިޔަލަށް ފުލުހުންގެ ވަޒީފާ އަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ފުލުހުންގެ ވަޒީފާ އަށް ނެގުމަށް ހަމަޖެހިފައި ވަނީ ކިތައް މީހުން ކަން އަދި އެނގިފައިނުވާ ކަމަށެވެ. ގެޒެޓްގައި ފުލުހުން ކޮށްފައިވާ އިއުލާނުގައި ވެސް ފުލުހުންގެ ފައުޖަށް އިތުރު ކުރަގަނީ ކިތައް މީހުން ކަމެއް ހާމަކޮށްފައެއްނުވެ އެވެ.
ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ދެ މާއްދާއިން ދަށް ވެގެން "ސީ" ފާސް ލިބިފައި ވުމާ އެކު ސެކަންޑަރީ ސެޓިފިކެޓް އިމްތިހާނުން ދިވެހި އަދި އިސްލާމް އިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމެވެ. ނުވަތަ މޯލްޑިވް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް ހަތަރެއްގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށް ވުމެވެ. އަދި މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށް ވުމާއި ފުލުހުން ވަޒީފާ އަށް ކުރިމަތިލާ މީހަކީ ފުލުހުންގެ ތަމްރީން ހެދޭނެ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވާންވާނެ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން އަދި ބުނީ ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތައް، އިސްލާމް ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކުރިކަން ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ޝަރީއަތަށް ސާބިތުވެގެން ނުވާނެ ކަމަށެވެ. އަދި ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި މަނާ ކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުމާއި ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ވެސް ވެގެން ނުވާނެ ކަމަށެވެ.
ވަޒީފާ އަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަގާމުގެ ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާތިލުވާ އިރު އިންޓަވިއުއަށް ކިޔުމަށް ހަމަޖެހިފައި ވަނީ ވަޒީފާ އަށް އެދި ހުށަހެޅާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރާ ފަރާތްތަކަށެވެ. އަދި ވަޒީފާ އަށް ޝަރުތު ހަމަވާ ފަރާތްތަކަށް ވަޒީފާ ދިނުމުގައި ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކަށްދޭ އެޕްޓިޓިއުޓް ޓެސްޓުން ފާސްވުމާ އެކު ހަށިހެޔޮކަން ދެނެގަތުމަށްދޭ ފިޒިކަލް ފިޓްނަސް ޓެސްޓުން ފާސްވުމުގެ އިތުރުން މެޑިކަލް އެގްޒަމިނޭޝަން އާއި ކުރާ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ފުލުހުންގެ ވަޒީފާ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފުލުހުންގެ އެ މުއައްސަސާ އަށް ބޭނުންތެރި ދާއިރާއަކުން ލެވެލް ހަތަރެއްގެ ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ފުރިހަމަކޮށްފައިވާ ނަމަ އެފަރާތަކަށް އިސްކަންދޭ އިރު އެއްގަމުގައި ނުވަތަ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެއްގަމުގައި ނުވަތަ ކަނޑުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ވެސް ފުލުހުންގެ އިއުލާނުގައި ބުނެފައިވެ އެވެ.