22 May 2014, 12:13
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސުޝްމީތާ ސެން، އޭނާ އަށް މިސް ޔުނިވާސްގެ ލަގަބު ލިބުނުތާ 20 އަހަރު ރާއްޖޭގައި ފާހަގަކޮށްފިއެވެ.
ސުޝްމީތާ ސެން އިއްޔެ ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައި ވަނީ އިންޑިޔާއަށް މިސް ޔުނިވާސް އެވޯޑް ލިބުނުތާ 20 އަހަރު ފާހަގަކޮށް، އުފާކުމުން މި ދަނީ ރާއްޖޭގައި ކަމަށެވެ.
“އިންޑިއާއަށް ފުރަތަމަ ފަހަރަށް ‘މިސް ޔުނިވާސް’ ލިބުނުތާ 20 އަހަރު ވީ މެއި 21 ވަނަ ދުވަހުގެ ރޭ، ދިރިހުރުމުގެ އުފާ ފާޅުކުރަނީ. ޝުކުރިއްޔާ،” 1994 ވަނަ އަހަރު މެއި 21 ވަނަ ދުވަހު މިސް ޔުނިވާސްގެ ތާޖު އެޅި ސުޝްމީތާ ސެންގެ ރަސްމީ ޓްވިޓާ އެކައުންޓުގައި އެނާ ބުނެފައިވެއެވެ.
“އަދި އަހަރަމެން މި ތިބީ... 21 މެއި ގައި ކުރިއަށް އޮތް 20 އަހަރަށް ހުރި އުންމީދުތަކާއި، ވައުދުތަކުން ފުދިފައިވާ އިރުއޮއްސޭ މަންޒަރެއް (ބަލައިލަން) ރާއްޖޭގައި،” ސުޝްމީތާގެ ޓްވީޓެއްގައި އޭނާ ލިޔެފައިވެއެވެ.
އޭގެ އިތުރުން، މިސް ޔުނިވާސްގައި އިންޑިއާ ތަމްސީލުކުރަން ލިބުމަކީ މިއަދުވެސް އޭނާ ފަޚުރުވެރިވާ ކަމެއްކަމަށާއި، އެއީ އެނާގެ އުމުރަށްވެސް ފަހުރުވެރިވާނެ ކަމެއް ކަމުގައި ސުޝްމީތާ ބުންޏެވެ.
ރާއްޖޭގައި ޑައިވިން އަށް ގޮސްފިން ކަމަށާއި، މިއީ“އެތައް ފަހަރަކު އަނބުރާ އަންނަވަރުގެ ސުވަރުގެއެއް” ކަމަށް ސުޝްމީތާ އެނާގެ ޓްވީޓްތަކުގައި ސިފަކޮށްދީފައި ވެއެވެ.
އުމުރުން 38 އަހަރުގެ ސުޝްމީތާ ސެން އަށް މިސް ޔުނިވާސް ގެ މަގާމު ލިބިފައި ވަނީ 1994 ވަނަ އަހަރު ފިލިޕީންސްގައި ބޭއްވި 43 ވަނަ މިސް ޔުނިވާސް ބިއުޓީ ޕެޖަންޓްގައެވެ.