ވައިޓް ހައުސް (މޭ 22) : ނައިޖީރިޔާގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ބޫކޯ ހަރާމް ޖަމާއަތުން ވަގަށްނަގައިގެންއުޅޭ 200 އަށްވުރެ ގިނަ އަންހެން ކުދިން ހޯދުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަށް ޓަކައި އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނޭ ތަޖްރިބާކާރުންގެ 80 މީހުން ނައިޖީރިޔާގެ އަވަށްޓެރި ގައުމެއް ކަމަށްވާ ޗާޑަށް ފޮނުވައިފި ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް އަށް ފޮނުއްވި ސިޓީއެއްގައި އޮބާމާ ވިދާޅުވީ މި 80 މީހުން މަސައްކަތަކީ ވަގަށްނަގާފައިވާ އަންހެންކުދިން ހޯދުމަށް ނައިޖީރިޔާގައި ހިންގާ ޖާސޫސީ ހަރަކާތްތަކަށް އެހީތެރިވުމާއި އެގައުމުގެ މަތިން އުދުހޭ ޑްރޯން މަތިންދާ ބޯޓުތަކުގެ މަސައްކަތްތަކުގައި ބައިވެރިވުން ކަމުގަ އެވެ. އެމެރިކާ ސިފައިންގެ ލަޝްކަރުތަކަށް ނިސްބަތްވާ ބަޔަކު ބޭރުގައުމަކަށް ފޮނުވައިފި ނަމަ އެކަން ކޮންގްރެސް އަށް އެންގުމާއި އެއަށް ފަހު އެކަމަށް ކޮންގްރެސްގެ ރުހުން ހޯދުމަކީ އެމެރިކާގެ ގާނޫނުގައި އެގައުމުގެ ރައީސަށް ލާޒިމުކުރާ ކަމެކެވެ.

ބޫކޯ ހަރާމް ޖަމާއަތުންވަނީ ވަގަށްނަގާފައިވާ އަންހެން ކުދިން ދައްކައިދޭ ވީޑިޔޯއެއް އާންމުކޮށްފަ އެވެ. އަދި ވަގަށްނަގާފައިވާ އަންހެންކުދިންގެ ބަދަލުގައި ނައިޖީރިޔާގެ ޖަލުތަކުގައިވާ އެޖަމާއަތުގެ ހަނގުރާމަވެރިން މިނިވަން ކޮށްދިނުމަށް ވެސް ބޫކޯ ހަރާމް ޖަމާއަތުން ނައިޖީރިޔާ ސަރުކާރަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް ނައިޖީރިޔާ ސަރުކާރުން ވަނީ މި ހުށަހެޅުމަށް ދެކޮޅު ހަދާފަ އެވެ. އަދި ދާދިފަހުން ހުޅަނގު އެފްރިކާގެ ގައުމުތަކުންވަނީ ބޫކޯ ހަރާމް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ވެސް އިޢުލާންކޮށްފަ އެވެ. (ރޮއިޓާސް)