22 May 2014, 11:03
މެކްސިކޯ ސިޓީ (މޭ 22) : ރަޝިޔާގެ ގުދްރަތީ ގޭސް ޗައިނާއަށް ފޯރުކޮށްދިނުމަށް އެދެގައުމުން އިއްޔެ ސޮއިކުރި 400 ބިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމަކީ ޔުކްރޭންގެ މައްސަލާގައި ހުޅަނގާއި ރަޝިޔާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ ގުޅުން ހުރި ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވެއްޖެ އެވެ.
މެކްސިކޯއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި މެކްސިކޯ ސިޓީގައި ދެއްވި ބަޔާނެއްގައި ކެރީ ވިދާޅުވީ ޗައިނާ އިން ރަޝިޔާގެ ގުދްރަތީ ގޭސް ގަތުމަށް އެދެގައުމުން އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ސަބަބުން އެމެރިކާއަށް ސިހުން ނުލިބޭ ކަމަށާއި މިއެއްބަސްވުމަކީ ގޭހުގެ ވިޔަފާރީގައި އެދެގައުމުން އެތަށް އަހަރެއް ކުރިންފެށިގެން ކުރިޔަށްގެން ދިޔަ ވާހަކަތަކެއްގެ ނަތީޖާ ކަމުގަ އެވެ. ނަމަވެސް ރަޝިޔާ އާއި ޗައިނާގެ މިއެއްބަސްވުމުގެ ސަބަބުން އެމެރިކާ ކަންބޮޑުވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
ރަޝިޔާގެ ގުދްރަތީ ގޭސް ޗައިނާ އަށް ފޯރުކޮށްދިނުމަށް އެދެގައުމުން އިއްޔެ ސޮއިކުރި 400 ބިލިޔަން ޑޮލަރުގެ އެއްބަސްވުމަކީ ރަޝިޔާ އަށް ލިބިފައިވާ ގުދްރަތީ ވަސީލަތްތަކުގެ ބޮޑުކަމާއި ޗައިނާގެ އިގްތިސާދީ ބާރުގެ ވަރުގަދަކަމާއި ޗައިނާގެ ހަކަތައިގެ ބާޒާރުގެ ބޮޑުކަން ދުނިޔެއަށް ހާމަކޮށްދިން އެއްބަސްވުމެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ. މީގެ އިތުރުން އެމެރިކާ އާއި ވިލާތުގެ އިއްތިޙާދުން ދުނިޔޭގެ ގައުމަކާ ދެކޮޅަށް ވިޔަފާރި އާއި އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިނަމަވެސް އެކަމުގައި ޗައިނާ ބައިވެރިނުވާ ނަމަ އެފިޔަވަޅުތަކުގެ އަސަރު ބޮޑުނުވާނެކަން ވެސް ޗައިނާއާއި ރަޝިޔާގެ މިބޮޑު އެއްބަސްވުމުން އެނގިގެންދާކަމަށް މުރާސިލުން ބުނެ އެވެ.
ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ހިއްސާކުރާ ނިސްބަތް އަހަރުން އަހަރަށް ދަށަށްދިޔުމުގެ އިތުރުން އެމެރިކާ ފަހަތަށް ޖައްސާލައި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ބާރުގެ މަގާމް ހޯދުމަށް ޗައިނާ ކުރަމުންގެންދާ މަސައްކަތް ކާމިޔާބުވަމުންދާ އިރު ޗައިނާއާއި ރަޝިޔާގެ މިއެއްބަސްވުމަކީ އެދެގައުމުން އެމެރިކާއަށާއި ވިލާތުގެ ގައުމުތަކަށްދިން ވަރުގަދަ މެސެޖެއްކަމަށް އިގްތިސާދީ ތަޖްރިބާކާރުން ދެ އެވެ. ރަޝިޔާގެ ގުދްރަތީ ގޭސް ޗައިނާއަށް ވިއްކުމުގެ 400 ބިލިޔަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި އެދެގައުމުން ސޮއިކޮށްފައި މި ވަނީ ޔުކްރޭންގެ މައްސަލާގައި ރަޝިޔާއަށް ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި ވިލާތުގެ ގައުމުތަކުން ރަޝިޔާގެ ގޭސް ގަންނަމިންވަރު މަދުކޮށްލަން ނޫނީ ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ވިލާތުގެ އިއްތިޙާދުން ދީފައިވަނިކޮށެވެ.
ޗައިނާއާއި ރަޝިޔާގެ މިއެއްބަސްވުން ވުޖޫދަށް އައުމާއެކު ޗައިނާގެ ހަކަތައިގެ ބާޒާރު ރަޝިޔާ އަށް މިހާރު ފަހިވެގެންގޮސްފައި ވާތީ ވިލާތުގެ ގައުމުތަކުން ރަޝިޔާގެ ގޭސް ގަންނަ މިންވަރު ދަށްކޮށްލި ނަމަވެސް އެކަމުގެ މާބޮޑު އަސަރެއް ރަޝިޔާ އަށް ދެން ނުކުރާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. ރަޝިޔާގެ ގޭސް ޗައިނާއަށް ވިއްކުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައި ވަނީ ޕެޓްރޯލާބެހޭ ޗައިނާގެ ގައުމީ ކުންފުނި ކަމަށްވާ ސީއެންބީސީ އާއި ރަޝިޔާގެ ގޭހާބެހޭ ދައުލަތުގެ ކުންފުނި ކަމަށްވާ ގޭސްޕްރޫމް އާ ދެމެދުގަ އެވެ. މިއެއްބަސްވުމުގައި އެދެ ކުންފުނިން ސޮއިކޮށްފައި މިވަނީ ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގަ އެވެ.
މިއެއްބަސްވުމުގެ ދަށުން ރަޝިޔާގެ ގުދްރަތީ ގޭސް ޗައިނާއަށް ސަޕްލައި ކުރުމަށްޓަކައި ރަޝިޔާގެ ސައިބީރިޔާ ސަރަހައްދު ހުރަސްކޮށް އެތަށް ހާސް ކިލޯ މީޓަރެއްގެ ދިގު ގޭސް ހޮޅިއެއް އެދެގައުމުގެ ދެމެދުގައި ގާއިމް ކުރުމަށްވަނީ ހަމަޖެހިފަ އެވެ. (ނޫސްއެޖެންސީތައް)