އީރާނުގައި ވަރީގެ ނިސްބަތް އިތުރުވެ ކުރިޔަށްވުރެ ބޮޑަށް އާއިލާތައް ރޫޅެމުންދާކަމަށް ރިޕޯޓެއް ބުނެފި އެވެ. އީރާނުގެ އިޖްތިމާއާި ތަފާސްހިސާބުތަކާ ހަވާލާދީ ތެހެރާންގައި މިދިޔަ ހަފްތާގައި ޝާއިއުކުރެވުނު މިރިޕޯޓް ބުނާގޮތުން އީރާނުގައި ކުރެވޭ ކޮންމެ ހަތް ކައިވެންޏެއްގެ ތެރެއިން އެއް ކައިވެނި ރޫޅެ އެވެ. އަދި ވެރިރަށް ތެހެރާންގައި ކުރެވޭ ކޮންމެ 3.7 ކައިވެންޏެއްގެ ތެރެއިން އެއް ކައިވެނި ދަނީ ރޫޅެމުންނެވެ.


ނަމަވެސް މިއީ މީގެ 32 ދެއަހަރު ކުރިން އީރާނަށް އިސްލާމީ އިންޤިލާބު އައި ދުވަސްވަރު ވަރީގެ ހާލަތު އޮތްގޮތެއް ނޫނެވެ. އީރާނުގެ އިސްލާމީ އިންޤިލާބު އައި ދުވަސްވަރު އީރާނުގައި ވަރީގެ ނިސްބަތް ވަނީ މިހާރަށްވުރެ 30 ޕަސެންޓް ދަށުގަ އެވެ.


އީރާނަކީ ކޮންޒަވެޓިވް މުޖްތަމައެކެވެ. އަދި އިސްލާމީ ޤައުމެއްކަމަށްވާތީ އީރާނުގައި ވެސް ވަރިއާމެދު ދެކެނީ އިސްލާމް ދީނުގައި އޮންނަ ފަދައިން އެއީ ޙަލާލް ކަންތައް ތަކުގެ ތެރެއިން މާތް ﷲ އެންމެ ނުރުއްސަވާ ކަންތައް ކަމުގައެވެ. ކަންމިހެން އޮތްއިރު އީރާނުގައި ވަރި ގިނަވަމުންދަނީ ކީއްވެގެން ހެއްޔެވެ؟ ނޫނީ ވަރި ގިނަވާ ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟


އީރާނުގެ އިޖްތިމާއީ އިލްމުވެރިން ވިދާޅުވާގޮތުން އެ ގައުމުގައި ވަރިގިނަވާ އެތަށް ސަބަބެއް އެބަހުއްޓެވެ. މީގެތެރޭގައި ތައުލީމް ހާސިލްކުރާ އަންހެނުންގެ ނިސްބަތް އިތުރުވުމާއި އަމިއްލައަށް އާމްދަނީ ހޯދައިގެން ދިރިއުޅެވޭ ޙާލަތުގައި ތިބި އަންހެނުންގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެގެން ދިޔުން ހިމެނެއެވެ. އީރާނުގައި މަތީ ތަޢްލީމް ޙާސިލްކުރާ އަންހެނުންގެ ނިސްބަތް މިހާރު ފިރިހެނުންނަށްވުރެ އިތުރެވެ.


އަނެއް ސަބަބަކީ އީރާނުގައި ސިއްރިޔާތުގައި ބަނގުރާ ބުއިމާއި އަދި ކައިވެނިން ބޭރުގައި ބަދުއަހުލާގީ އަމަލުތައް ހިންގާ ފިރިހެނުންނާއި އަންހެނުންގެ ނިސްބަތް އިތުރުވުމެވެ. މީގެއިތުރުން އީރާނުގެ ޒުވާން ޖީލު  ފިރިހެނުންނާއި އަންހެނުންގެ މެދުގައި ލާދީނީ އުސޫލުތައް ފެތުރި އެމީހުން ހުޅަނގުގެ ނާތަހުޒީބު ދިރިއުޅުން ކޮޕީކުރަމުން ގެންދިޔުމަކީ ވެސް މިކަމުގެ ސަބަބެކެވެ. ހަމައެފަދައިން އީރާނުގައި ވަޒީފާ ނެތް މީހުންގެ ޢަދަދު ގިނަވުމާއި ދިރިއުޅުމުގެ ވަސީލަތްތަކުގެ އަގުތައް ބޮޑުވުމަކީ ވެސް މިކަމުގެ ސަބަބެއް ކަމަށް އީރާނުގެ އިޖްތިމާޢީ ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.