އައްޑޫ ސިޓީން: އަލީ ރިފްޝާން

އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ބީގައި އޮތް ތުރުކުމެނިސްތާނުގެ އަމާޒަކީ ގްރޫޕް އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދުން ކަމުގައި އެ ޓީމުގެ ފޯވަޑް ޑުރްޑިޔެވް ޑިޑާރް ބުނެފި އެވެ.

އައްޑޫ ފުޓްބޯޅަ ދަނޑައި ރޭ ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުން ތުރުކުމެނިސްތާނު މޮޅުވީ ފަހަތުން އަރައި 5-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފު 1-1 ލަނޑުން އެއްވަރުވި ނަމަވެސް ދެވަނަ ހާފުގައި މޮޅު ކުޅުމެއް ފެނިގެންދިޔައީ އެންމެ ފަހު ރަނަރަޕް ތުރުކުމެނިސްތާނުގެ ފަރާތުންނެވެ.

"އަހަރެމެންގެ އަމާޒަކީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރުން. އަހަރެމެން ކޮންމެ މުބާރާތަކަށް ވެސް ނުކުންނަނީ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި. ކޮންމެ ކުޅުންތެރިއެއް ވެސް އެ ކުޅުންތެރިއެއްގެ އެންމެ ރަނގަޅު ކުޅުން ދައްކައިފި ނަމަ، އެކަން ކާމިޔާބުވާނެ،" ޑުރްޑިޔެވް ބުންޏެވެ.

ތުރުކުމެނިސްތާނުގެ މުހިންމު ފޯވަޑް ބުނީ، ޗެލެންޖު ކަޕުގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ދެއްކުނު ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

"ދެވަނަ ހާފުގައި ދެއްކުނު ކުޅުމާއި މެދު ހިތްހަމަޖެހޭ. އަހަރެމެންނަށް ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު. ދެވަނަ ހާފަށް އަހަރެމެން ނުކުތީ މޮޅުވުމުގެ އަޒުމުގައި. އެކަން އަހަރެމެންނަށް ކާމިޔާބުކުރެވުނު. އަހަރެމެން ފަހު ހާފުގައި ގެންގުޅުނީ އެޓޭކްކޮށްގެން ކުޅުމުގެ ވިސްނުމެއް،" ޑުރްޑިޔެވް ބުންޏެވެ.

އޭނާ ބުނީ، މެޗަށް ނުކުތް އިރު ލާއޯސް ޓީމުން ނުރައްކާކޮށް، ތުރުކުމެނިސްތާނަށް ޕްރެޝަރުކޮށްފާނެ ކަމަށް ހީނުކުރާ ކަމަށާއި ޓީމަށް ތިން ޕޮއިންޓް ލިބުނީ ކޮމްބިނޭޝަން ރަނގަޅުވުމުން ކަމަށެވެ.

"އަހަރެމެން ކުރިން ހިއެއް ނުކުރަން ލާއޯސް ޓީމުން އަހަރެމެންނަށް ޕްރެޝަރުކޮށްފާނެ ކަމަކަށް. އެކަމަކު އެއާ އިދިކޮޅަށް މެޗުގެ ކުރީކޮޅު އެޓީމުން މަސައްކަތްކޮށް، ޕްރެޝަރު ކުރުވި. އަހަރެމެންނަށް ފަހަތުން އަރައި މޮޅުވެވުނީ ޓީމުގެ ކޮމްބިނޭޝަން މަސައްކަތުން،" ޑުރްޑިޔެވް ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ތުރުކުމެނިސްތާނުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށާއި އެ ޓީމުގެ ވިސްނުމަކީ ޗެލެންޖް ކަޕުގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރުން ކަމަށެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި ތުރުކުމެނިސްތާނު ދެން ނުކުންނަން ޖެހޭނީ ސާފް ޗެމްޕިއަން އަފްޣާނިސްތާނާއި ދެކޮޅަށެވެ. އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް ތުރުކުމެނިސްތާނު ނުކުންނާނީ މިރޭ 9:00ގަ އެވެ.