އައްޑޫ ސިޓީ އިން: އަލީ ރިފްޝާން

އޭއެފްސީ ޗެލެންޖް ކަޕުގައި މިއަދު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅޭ ދެ މެޗުގެ ތެރެއިން އެންމެ ފޯރިގަދަ މެޗަކީ އަފްޣާނިސްތާނާއި ތުރުކުމެނިސްތާނު ބައްދަލުކުރާ މެޗެވެ. މި މެޗަށް ނުކުންނަ އިރު، އަފްޣާނިސްތާނަކީ ފީފާ ރޭންކިންގެ އެންމެ ކުރީގައި އޮތް ޓީމު ކަމުގައިވީ ނަމަވެސް، ފުޓްބޯޅަ ތާރީހުގައި ތުރުކުމެނިސްތާނު އަތުން އަފްޣާނުން މޮޅުވެފައެއް ނުވެ އެވެ. އަދި އަފްޣާނުގެ ފުޓްބޯޅަ ތާރީހުގައި އެންމެ ލަދުގަންނުވާލި ޓީމަކީ ވެސް ތުރުކުމެނިސްތާނެވެ.

މުބާރާތަށް ކުރިމަތިލީ ސާފް ޗެމްޕިއަން އަފްޣާނު، މި މުބާރާތުގައި އެންމެ ފުރަތަމަ ވާދަކުރި މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ފިލިޕީންސްއާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންކަމުން މިރޭ ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ އަފްޣާނު ޓީމަށް ވަރަށް މުހިންމު މެޗެކެވެ.

މި މުބާރާތަށް ކުރިމަތިލީ އިރު، ފިލިޕީންސް ފާހަގަވަނީ އެންމެ ފަހުން ބޭއްވި ދެ ޗެލެންޖް ކަޕުގެ ރަނަރަޕުންގެ ގޮތުގަ އެވެ. އޭޝިއަން ކަޕުގައި 2004 ވަނަ އަހަރު ވާދަކުރި ތުރުކުމެނިސްތާނު، މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ވަނީ ފަސޭހަކަމާ އެކު ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަންގާރަ ދުވަހު ލާއޯސް އަތުން ތުރުކުމެނިސްތާނު މޮޅުވީ ފަހަތުން އަރައި 5-1 ލަނޑުންނެވެ.

ފުޓްބޯޅަ ތާރީހަށް ބަލައިލާ އިރު، އަފްޣާނިސްތާނާއި ތުރުކުމެނިސްތާނު ތިން ފަހަރަކު ވާދަކޮށްފައިވެ އެވެ. އެ ތިން މެޗު ވެސް ބައިކޮޅަށް ލަނޑެއް ނުވަދެ، މޮޅުވެފައި ވަނީ ތުރުކުމެނިސްތާނެވެ. އެ ތިން މެޗުގެ ތެރެއިން ދެ މެޗަކީ ވޯލްޑް ކަޕު ކޮލިފައިންގައި ކުޅުނު ދެ މެޗެވެ. އަދި އަނެއް މެޗަކީ އޭއެފްސީ ޗެލެންޖް ކަޕުގެ މެޗެކެވެ. މި ތިން މެޗު ވެސް ތުރުކުމެނިސްތާނު ކުޅުނީ މި އަހަރުގެ ޗެލެންޖް ކަޕުގައި އެ ޓީމަށް އިރުޝާދުދެމުންދާ ރަހީމް ކުރްބަންމަމެޑޯފްގެ ކޯޗުކަމުގެ ދަށުގަ އެވެ.

އެންމެ ފުރަތަމަ އަފްޣާނާއި ތުރުކުމެނިސްތާނު ވާދަކުރީ 2003 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގަ އެވެ. މި މެޗުގެ ނަތީޖާ އަފްޣާނަށް ބޮޑު ލަދަކަށްވީ އިރު، ތުރުކުމެނިސްތާނަށް އެ ނަތީޖާ ވެގެންދިޔައީ ބޮޑު ކާމިޔާބަކަށެވެ. އެ މެޗުން ތުރުކުމެނިސްތާނު މޮޅުވީ 11-0 ލަނޑުންނެވެ. އެއީ އަފްޣާނުގެ ފުޓްބޯޅަ ތާރީހުގައި ލިބުނު އެންމެ ބޮޑު ބައްޔަށް ވީ އިރު، އެއީ ތުރުކުމެނިސްތާނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އެ މެޗު ކުޅުނީ ތުރުކުމެނިސްތާނުގެ ސަޕަރްމީރާތު ތުރުކުމެންބަސީ އޮލިމްޕިޔާ ސްޓޭޑިއަނީގަ އެވެ.

އަފްޣާނިސްތާނުގައި ކުޅުނު 2003 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުން ތުރުކުމެނިސްތާނު މޮޅުވީ 2-0 ލަނޑުންނެވެ. އެ މެޗުގައި ތުރުކުމެނިސްތާނަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ފުރަތަމަ މެޗުގައި ހެޓްރިކެއް ކާމިޔާބުކުރި އެ ޓީމުގެ ކުރީގެ ތަރި ރެޖެޕްމީރަތު އަގަބަޔޫ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ދެ މެޗަށް ފަހު، ދެން އަފްޣާނާއި ތުރުކުމެނިސްތާނު ބައްދަލުކުރީ 2008 ވަނަ އަހަރު އިންޑިއާގައި ބޭއްވި ޗެލެންޖް ކަޕުގަ އެވެ. އެ މުބާރާތުގައި މި ދެ ޓީމް ބައްދަލުކުރި މެޗު 5-0 ލަނޑުން ކާމިޔާބުކުރީ ތުރުކުމެނިސްތާނެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން މި ދެ ޓީމު ވެސް ކެޓި އިރު، އަފްޣާނަށް ލަނޑެއް ކާމިޔާބުކުރެވިފައި ނުވާ އިރު، ބައިކޮޅަށް ދިހަ ލަނޑު ވަދެފައިވެ އެވެ. އެ މުބާރާތުގައި ތުރުކުމެނިސްތާނު ހަމައެކަނި މޮޅުވި މެޗަކީ އަފްޣާނާއި ދެކޮޅަށް ކުޅުނު މެޗުންނެވެ.

ގްރޫޕް ބީ އަށް ބަލައިލާއިރު، އެންމެ ފުލުގައި އޮތް ޓީމަކީ ލާއޯސް އެވެ. ފިލިޕީންސް އޮތީ އަފްޣާނިސްތާނާ އެކު ގްރޫޕުގެ ދެވަނައިގަ އެވެ. ލާއޯސް އަތުން ލިބުނު ތިން ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ އެންމެ ފަހުގެ ރަނަރަޕް ތުރުކުމެނިސްތާނެވެ.

މި ގްރޫޕްގައި މިއަދު ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ފިލިޕީންސާއި ލާއޯސް އެވެ. އަދި މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އަފްޣާނިސްތާނާއި ތުރުކުމެނިސްތާނެވެ. މި ދެމެޗު ވެސް ކުޅޭނީ އައްޑޫ ފުޓްބޯޅަ ދަނޑުގަ އެވެ.