މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުމުގެ ކުށުގައި ޖަލަށްލާފައި ވަނިކޮށް ބޭސްފަރުވާ އަށް ލަންކާ އަށް ފޮނުވާފައިވާ މ. ލޮނުމިދިލިގޭ އިބްރާހީމް ސަފާޒު އަބްދުއްރައްޒާގު ހައްޔަރުކޮށްގެން ރޭ ރާއްޖެ ގެނެސްފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ސަން އަށް ވިދާޅުވީ އޭނާ ރާއްޖެ ގެނެސްފައި ވަނީ ސްރީލަންކަން އެއާލައިންސް ރޭގެ ދަންވަރު ވަގުތެއްގައި މާލެ އައި ފްލައިޓަކުން ކަމަށެވެ. އަދި އޭނާ މިއަދުގެ ވަގުތެއްގައި ކަރެކްޝަނަލް ޝާވިސް އާ ހަވާލުކުރާނެ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

އަށާރަ އަހަަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ސަފާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

"ފުލުހުންގެ ބެލުމުގެ ދަށުގައި ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ މާލެ ގެނެސްފައި ވަނީ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރާނެ،" ތަޒްމީލް ވިދާޅުވި އެވެ.

ބޭސްފަރުވާ އަކަށް ރާއްޖެ އިން ބޭރަށް ފޮނުވާފައިވާ ސަފާ ލަންކާއިން ހައްޔަރުކޮށްގެން މާލެ ގެނެސްފައި ވަނީ ބޭސް ފަރުވާއަކަށް ރާއްޖެ އިން ބޭރަށް ފޮނުވި މުއްދަތު ހަމަވުމަށް ފަހު ވެސް އޭނާ މާލެ ނައިސް ހުރުމުން ލަންކާގެ ފުލުހުންނާއި ރާއްޖޭގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަފާ ބޭސްފަރުވާ އަށް ލަންކާ އަށް ފޮނުވި ތިން މަސް ދުވަހުގެ މުއްދަތު މި މަހުގެ ފަސް ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.