22 May 2014, 09:58
އައްޑޫ ސިޓީިން: އަލީ ރިފްޝާން
އޭއެފްސީ ޗެލެންޖް ކަޕުގައި މިއަދު ހަވީރު ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗުގައި ބުންޑަސްލީގާ އަށް ކުޅޭ ފިލިޕީންސް މިޑްފީލްޑަރު ސްޓެފަން ޝްރޮކްގެ ފަރާތުން ލަނޑެއް ފެންނާނެ ކަމުގައި އޭނާ ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު އަފްޣާނިސްތާނާ ދެކޮޅަށް ކުޅެ، ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ފިލިޕީންސްގެ ޝްރޮކް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ޝްރޮކް އަކީ ފިލިޕީންސް ޓީމުގައި ހިމެނޭ އެންމެ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާ އެވެ.
"އަހަރެންނަށް އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ކާމިޔާބު ނުކުރެވުނީ ނަސީބު ނެތުމުން. ނަމަވެސް ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗުގައި އަހަރެންގެ ފަރާތުން ލަނޑެއް ފެންނާނެ. އަފްޣާނު މެޗުގައި އަހަރެމެންނަށް ކުރި ނުހޯދުނީ އިދިކޮޅު ޓީމުގެ ޑިފެންސް ރަނގަޅުކަމުން،" 'ސަން' އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
ޝްރޮކް ބުނީ، ލާއޯސް މެޗުގައި އޭނާގެ ފަރާތުން އަދި ޓީމުގެ ފަރާތުން ވެސް ބޮޑަށް ފެނިގެންދާނީ އެޓޭކިންގް ފުޓްބޯޅައެއް ކަމަށާއި ކުރިއަށް އޮތް ދެ މެޗަކީ ވެސް ވަރަށް މުހިންމު ދެ މެޗު ކަމަށެވެ.
"ފުރަތަމަ މެޗުން އެންމެ ޕޮއިންޓެއް ލިބުމަކީ ދެރައެއް. އަހަރެމެންނަށް ކުރިއަށް އޮތް ދެ މެޗަކީ ވަރަށް މުހިންމު ދެ މެޗު. އެހެންކަމުން ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗުގައި ބޮޑު އިސްކަމެއް ދޭނީ އެޓޭކިންގް އަށް. ކޯޗުގެ ވިސްނުމަކީ ވެސް އެއީ. އަހަރެމެން ދަނޑުން ފައިބާނީ ތިން ޕޮއިންޓާ އެކު،" ޝްރޮކް ބުންޏެވެ.
ގްރޫޕް ބީގައި ލާއޯސްއާ ދެކޮޅަށް ފިލިޕީންސް ނުކުންނާނީ މިއަދު ހަވީރު 4:00ގަ އެވެ. މި މެޗު ކުޅޭނީ އައްޑޫ ފުޓްބޯޅަ ދަނޑުގަ އެވެ.