22 May 2014, 09:49
އައްޑޫ ސިޓީން: އަލީ ރިފްޝާން
އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ބީގައި މިއަދު ހަވީރު ލާއޯސް އާއި ފިލިޕީންސް ބައްދަލުކުރާ އިރު، ދެ ޓީމަށް ވެސް މި މެޗަކީ މުހިންމު މެޗެކެވެ. ފުޓްބޯޅައިގެ ތާރީހަށް ބަލައިލާ އިރު، ލާއޯސް އަތުން ފިލިޕީންސްއަށް މޮޅެއް ހޯދިފައި ނުވާތީ މި މެޗަކީ ފިލިޕީންސް އަށް ބަދަލު ހިފުމަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.
މިހާރު ކުރިއަށްދާ ޗެލެންޖް ކަޕުގައި ލާއޯސް ކުޅުނު ފުރަތަމަ މެޗުން ތުރުކުމެނިސްތާނު އަތުން 5-1 ލަނޑުން ބަލިވެފައިވާ އިރު، މި މެޗުން މޮޅުވުން އެ ޓީމަށް މަޖުބޫރުވާނެ އެވެ. އަދި މުބާރާތުގައި ފިލިޕީންސް ކުޅުނު ފުރަތަމަ މެޗުގައި އަފްޣާނިސްތާނު އަތުން ލަނޑެއް ނުޖެހި އެއްވަރުވުމުން މިއަދު ހަވީރު ލާއޯސްއާ ދެކޮޅަށް އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ މެޗަކީ ފިލިޕީންސް އަށް ވެސް މުހިންމު މެޗަކަށް ވާނެ އެވެ.
ފީފާ ރޭންކިން އަށް ބަލާ އިރު، މި ގްރޫޕްގެ އަދި މުބާރާތުގެ އެންމެ ފުލުގައި އޮތް ޓީމަކީ ލާއޯސް އެވެ. މި ދެ ޓީމުގެ ވާދަވެރި މެޗުތަކަށް ބަލައިލާ އިރު، މި ދެ ޓީމު ހަ ފަހަރަކު ބައްދަލުކޮށްފައިވެ އެވެ. ފިލިޕީންސް އަތުން ލާއޯސް ހަތަރު ފަހަރު މޮޅުވެފައިވާ އިރު، ދެ މެޗު ނިމިގެންދިޔައީ އެއްވަރުވެގެންނެވެ.
މި ދެ ޓީމު އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ 2001 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. ލާއޯސްގެ ގައުމީ ދަނޑުގައި ކުޅުނު މި މެޗުން ލާއޯސް މޮޅުވެފައި ވަނީ 2-0 ލަނޑުންނެވެ. ހަމަ އެ އަހަރު މި ދެ ޓީމު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ ދެވަނަ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މި މެޗު ކުޅުނީ ފިލިޕީންސްގެ ފިލްސްޕޯޓްސް ކޮމްޕްލެކްސްގަ އެވެ.
ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ފަހު، ދެން މި ދެ ޓީމު ކުރިމަތިލީ 2006 ވަނަ އަހަރުގެ އާސިއާން ފުޓްބޯޅަ ޗެމްޕިއަންޝިޕުގަ އެވެ. އެ މުބާރާތުގައި މި ދެ ޓީމު ވާދަކުރި މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ލާއޯސް އެވެ. އޭގެ ދެ އަހަރު ފަހުން ބޭއްވި 2008 ވަނަ އަހަރުގެ އާސިއާން ފުޓްބޯޅަ ޗެމްޕިއަންޝިޕުގައި ވެސް މި ދެ ޓީމު ބައްދަލުކުރި މެޗުން ނުކުތީ އެއް ނަތީޖާ އެކެވެ. އެ މެޗު ވެސް 2-1 ލަނޑުން ކާމިޔާބުކުރީ ލާއޯސް އެވެ.
އާސިއާން ފުޓްބޯޅަ ޗެމްޕިއަންޝިޕުގައި 2010 ވަނަ އަހަރު ލާއޯސް އާއި ފިލިޕީންސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި ފިލިޕީންސް އިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގައި ލާއޯސް އިން ދެ ލަނޑު ކާމިޔާބުކޮށްފައި ވަނިކޮށެވެ. މި މެޗުގައި ފިލިޕީންސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މި އަހަރުގެ ޗެލެންޖް ކަޕަށް ނެގި އެ ޓީމުގެ ސްކޮޑުގައި ހިމެނޭ ފިލިޕް ޔަންގްހަސްބަންޑާއި ޖޭމްސް ޔަންގްހަސްބަންޑެވެ.
އެންމެ ފަހުން ފިލިޕީންސް އާއި ލާއޯސް ބައްދަލުކުރީ 2012 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. ނިއު ލާއޯސް ގައުމީ ދަނޑުގައި ކުޅުނު އެ މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ލާއޯސް އެވެ.
ގްރޫޕް ބީ އަށް ބަލައިލާ އިރު، އެންމެ ފުލުގައި އޮތް ޓީމަކީ ލާއޯސް އެވެ. ފިލިޕީންސް އޮތީ އަފްޣާނިސްތާނާ އެކު ގްރޫޕުގެ ދެވަނައިގަ އެވެ. ލާއޯސް އަތުން ލިބުނު ތިން ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ އެންމެ ފަހުގެ ރަނަރަޕް ތުރުކުމެނިސްތާނެވެ.
މި ގްރޫޕްގައި މިއަދު ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ފިލިޕީންސާއި ލާއޯސް އެވެ. އަދި މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އަފްޣާނިސްތާނާއި ތުރުކުމެނިސްތާނެވެ. މި ދެމެޗު ވެސް ކުޅޭނީ އައްޑޫ ފުޓްބޯޅަ ދަނޑުގަ އެވެ.