22 May 2014, 09:43
އައްޑޫ ސިޓީން: އަލީ ރިފްޝާން
އޭއެފްސީ ޗެލެންޖް ކަޕު ފެށުމާ އެކު، އެންމެ ބޮޑު އުފަލެއް ލިބޭނެ އެއް ބަޔަކީ އައްޑޫގެ ރައްޔިތުން ކަމާ މެދު ޝައްކެއް ނެތެވެ. މިއީ އައްޑު އަށް އައި ވަރަށް އުފާވެރި އީދެކެވެ. އުފާވެެރި ދުވަސްތަކެކެވެ. އުންމީދުން ފުރިގެންވާ ދުވަސްތަކެކެވެ. އައްޑޫ ފުޓްބޯޅަ ދަނޑުގައި ޗެލެންޖް ކަޕުގެ ބައެއް މެޗުތައް ކުޅުމަކީ އައްޑު އަށް ލިބޭނެ ޝަރަފެކެވެ.
މިދިޔަ އަންގާރަ ދުވަހު ކުޅުނު މެޗުތައް ބަލައިލުމަށް ޓަކައި ދަނޑަށް ވަދެ ތިބި އައްޑޫ ރައްޔިތުންގެ އުންމީދުތައް ވަރަށް ބޮޑެވެ. މުބާރާތުގެ މެޗުތަކެއް އައްޑޫގައި ކުރިއަށްދާތީ އެމީހުން ތިބީ އުފަލުން ފޮޅިފަ އެވެ. ރާއްޖޭގެ ގައުމީ ޓީމުގެ މެޗުތައް އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ނުދިޔަ ކަމުގައި ވިޔަސް ފުރަތަމަ މެޗު ބަލައިލުމަށް އައްޑޫގެ ގިނަ ރައްޔިތުންތަކެއް އެ ދަނޑަށް ވަދެ ތިއްބެވެ.
"މިއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިކަހަލަ ބޮޑު މުބާރާތެއް އައްޑޫގައި ކުރިއަށް ދާތީ ހަމަގައިމު ވެސް އަޅުގަނޑު ވަރަށް ފަހުރުވޭ. ނަމަވެސް އަޅުގަނޑުގެ ކަންބޮޑުވުމެއް އެބައޮތް. އެއީ ބައެއް މީހުން ދެކޭ ގޮތުގައި މިއީ ހަމައެކަނި ހިތަދޫގައި ކުޅޭ މުބާރާތެއް، އެއީ ވަރަށް ބޮޑު ކުށް ހީއެއް. މިއީ އައްޑޫގައި ކުޅޭ މުބާރާތެއް. މި ދަނޑަކީ ވަކި ހިތަދޫގެ ދަނޑެއް ނޫން. މިއީ މުޅި އައްޑު އަތޮޅުގެ ދަނޑެއް،" އައްޑު ސިޓީ ހިތަދު އަށް ނިސްބަތްވާ މީހަކު ބުންޏެވެ.
ފޮނި އުންމީދުތަކާ އެކު ތިބި އައްޑޫ ރައްޔިތުންގެ ބައެއް މީހުންގެ ހިޔާލު ތަފާތުވި ނަމަވެސް، އެމީހުންގެ އެންމެ ބޮޑު އުފަލަކީ ބައިނަލްއަގްވާމީ މެޗުތަކެއް އެ އަތޮޅުގައި ކުޅޭތީ ލިބޭ ޝަރަފެވެ. އެމީހުންގެ އުންމީދަކީ މިކަހަލަ ބޮޑެތި މުބާރާތްތައް އައްޑޫގައި ކުރިއަށް ދިއުމެވެ. ރާއްޖޭގެ ގައުމީ ޓީމު ދަނޑުގައި ނުކުޅުނު ކަމުގައި ވިޔަސް، އެމީހުން ބޭނުން ވަނީ ބައިނަލްއަގުވާމީ މެޗަތަކެއް ބަލައިލުމަށެވެ. ކެތްމަދުވެފައި ތިބީ ކުރިއަށް އޮތް މެޗުތައް ބަލައިލުމަށެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކެއް އައްޑޫގައި ކުޅެވޭނެ ކަމުގެ އުފާވެރި ހަބަރާއި މިކަހަލަ ބޮޑެތި އިތުރު މުބާރާތްތައް އައްޑޫގައި ކުޅޭނެ ކަމުގެ ހަބަރު ސަރުކާރުން ދިންތާ މާ ގިނަ ދުވަސްތަކެއް ނުވެ އެވެ. އެމީހުންގެ އުންމީދަކީ ވެސް އެއީ އެވެ. މިކަހަލަ މުބާރާތްތައް ކުރިއަށްދާ އިރު، އިތުރު ޖޯޝަކާއި އިތުރު ފޯރި އަންނާނެ ކަމަށް އައްޑޫ ރައްޔިތުން ބުނެ އެވެ.
"ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ކުޅޭނެ ކަމުގެ އުފާވެރި ހަބަރު ލިބުމުން ވަރަށް އުފާވި. އެއީ ވޯލްޑް ކަޕް ކަމުގައި ނުވި ނަމަވެސް، އަޅުގަނޑުމެން ދެކެނީ އެއީ ވޯލްޑް ކަޕް ކަމުގައި. އައްޑޫގައި ޗެލެންޖް ކަޕުގެ ފޯރި އަދި މިއަށް ވުރެ ވެސް އިތުރުވާނެ. އަދި ރާއްޖެ ކުޅޭ ނަމަ، އޮބިނޯންނާނެ. އައްޑޫ ރައްޔިތުންގެ ފިކުރު ތަފާތުވި ނަމަވެސް، ގެންގުޅެނީ އެއް ވިސްނުމެއް. އެއީ އައްޑު އަށް އަދަށް ވުރެ ފެހި މާދަމާއެއް ގެނައުން. އައްޑޫ އަށް ތަރައްގީ ގެނައުން،" އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ބަލައިލުމަށް ފޭދޫން ހިތަދު އަށް އައި ޒުވާނަކު ބުންޏެވެ.
އައްޑޫ ސިޓީގައި ކުޅޭ ޗެލެންޖް ކަޕުގެ ފުރަތަމަ މެޗުތައް ކުޅުނު ދުވަހު އައްޑޫ ފުޓްބޯޅަ ދަނޑަށް ވިއްސާރަކުރި ނަމަވެސް، މެޗު ބަލައިލުމަށް ދަނޑަށް ވަތް މީހުން ވަކި މަދެއް ނޫނެވެ. އަންގާރަ ދުވަހު ހަވީރާއި ރޭގަނޑުގެ މެޗުތައް ކުރިއަށް ދިޔަ އިރު، ވިއްސާރަ ވެހުނު ނަމަވެސް ސަޕޯޓްކުރަން އައިސް ތިބި މީހުން ދަނޑު ދޫކޮށް ގޮސްފައެއް ނުވެ އެވެ. ވާރޭގައި މެޗު ބަލައިލުމަށް ތިބި މީހުންގެ ހިނިތުންވުމަށް ކުޑަ ވެސް އުނިކަމެއް އައިސްފައެއް ނުވެ އެވެ. ނަމަވެސް ދަނޑުގައި ބޮޑު ބައެއް ހިޔާކުރާނެ ކަމަށް އެމީހުން އުންމީދުކުރެ އެވެ.
"އާދައިގެ މެޗެއް ކުޅުނަސް އައްޑޫގެ ރައްޔިތުން މި ދަނޑަށް އަންނާނެ. އެއީ އަވިދިން ކަމަށް ވިޔަސް، އަދި ވާރޭ ވެހުނު ކަމުގައި ވިޔަސް އެމީހުން މެޗެއް ކުރިއަށް ދަންޏާ އަންނާނެ. އަދި މިކަހަލަ މެޗެއް ކުރިއަށް ދާއިރު، ވާރޭ ވެހޭ ކަމެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގޭނެ. އެކަމަކު އަޅުގަނޑުމެންގެ އެދުމަކީ ދަނޑުގެ ބޮޑު ބައެއް ހިޔާކޮށްދިނުން. އެކަން ވަރަށް އަވަހަށް ވާނެ ކަމަށް އުންމީދުކުރަން،" ސަންގްރިއްލާ ރިސޯޓުގައި މަސައްކަތްކުރާ އައްޑޫ ރައްޔިތެއް ބުންޏެވެ.
އައްޑޫ ސިޓީގައި ގައުމީ ކަމެއް ކުރިއަށްދާ އިރު، އެ ސިޓީގެ ގިނަ ރައްޔިތުންތަކެއް ދަނީ އެކަމުގައި އިސް ނަގަމުންނެވެ. ދަނޑު ތަރައްގީ ކުރަމުން ދިޔަ ދުވަސްތަކުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ އެއްބާރުލުން ލިބެމުން ދިޔަ އެވެ. އައްޑޫ ފުޓްބޯޅަ ދަނޑު ހުޅުވުމަށް ކުރި މަސައްކަތުގައި ވެސް އެ ސިޓީގެ ރައްޔިތުން އެއްބާރުލުން ދިނެވެ. ވަކި ބޭފުޅަކު އެ ދަނޑު ހުޅުވުމަށް ޒިޔާރަތްކުރި ކަމުގައިވީ ނަމަވެސް، އެމީހުންގެ ފަރާތުން އެއްވެސް ފާޑުކިޔުމެއް އަމާޒުވެފައެއް ނުވެ އެވެ. އެއީ މިކަމަކީ ގައުމީ ކަމަކަށް ވާތީ އެވެ. ރާއްޖެ އަށް ލިބޭ ކާމިޔާބަކީ އައްޑު އަށް ލިބޭނެ ކާމިޔާބެކެވެ. އަދި އައްޑު އަށް ލިބޭ ކޮންމެ ކާމިޔާބަކީ މުޅި ރާއްޖެ އަށް ލިބޭނެ ކާމިޔާބެކެވެ.