22 May 2014, 09:13
ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ރޭގެ މެޗަށް އެރީ ވައުދެއް ކޮނޑުގައި އަޅައިގެންނެވެ. އެ ވައުދު ފުއްދަން މަޖުބޫރުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންނެވުމަކަށެވެ. އެކަން ކުރަން ދަގަނޑޭއަށް ލާޒިމުވީ ރައީސްގެ އުފަން ދުވަހުގެ ތަހުނިޔާ ދަންނަވަން އޭނާ ރައީސަށް ގުޅުއްވުމުންނެވެ.
ރައީސް ޔާމީނަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި ދަގަނޑޭ އިއްޔެ ރައީސަށް ގުޅުއްވި އެވެ. އޭނާ ރައީސަށް ގުޅުއްވީ ރައީސް އައްޑު އަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގަތް މަގުމަތީގަ އެވެ. ރައީސަށް އުފަން ދުވަހުގެ ތަހުނިޔާ އަރިސް ކުރުމާ އެކު ރައީސް ޔާމީން ދަގަނޑޭ ކިބައިން ކަމަކަށް އެދިވަޑައިގެންނެވި އެވެ.
"އުފަން ދުވަހުގެ ހަދިޔާ އަކަށް އަޅުގަނޑަށް ކަމެއް ކޮށްދެއްވާ، އެއީ މިރޭގެ މެޗުން ގައުމީ ޓީމު މޮޅު ކޮށްދިނުން،" ދަގަނޑޭއާ ދެއްކެވުނު ވާހަކަތަކުގައި ރައީސް ވިދާޅުވި ކަމަށް، އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވި އެވެ.
މުއާޒު ވިދާޅުވި ގޮތުގައި ރައީސްގެ އެދިވަޑައިގަތްކަންތައް ދަގަނޑޭ ދެއްވީ އުންމީދީ ޖަވާބެކެވެ.
"އިރާދަކުރެއްވިއްޔާ ތިޔަ ކަން މިރޭ ކޮށްދޭނަން،" ދަގަނޑޭ ބުންޏެވެ.
ދަގަނޑޭގެ އެ ވައުދު ރައީސަށް ފުއްދައިދިނީ ކިރްގިސްތާނާ ދެކޮޅަށް ރާއްޖެ ރޭ ކުޅުނު މެޗުގެ 60 މިނިޓުގަ އެވެ. އެއީ ދަގަނޑޭ ޖެހި މެޗުގެ ފުރަތަމަ ލަނޑެވެ. ފުރަތަމަ ލަނޑު ޖެހުމަށް ފަހު އަޝްފާގު ގޮސް ހުއްޓުނީ ރޮސްޓަރަމްގައި މެހެމާނުންގެ ގޮނޑިބަރީގައި އިށީންދެވަޑައިގެން އިންނެވި ރައީސް ޔާމިންގެ ކުރިފުޅު މައްޗަށެވެ.
ދަނޑުމަތީގައި ރައީސަށް ކުރިމަތިލައިގެން ހުރެ އަޝްފާގު ރައީސަށް ސެލިއުޓް ނެގި އެވެ. އަދި ބުންޏެވެ. "ހެޕީ ބާތު ޑޭ ސާ. އުފަންދުވަހުގެ ހަދިޔާ މިހާރު ދީފިން،" ދަގަނޑޭ ބުނި ކަމަށްވެ އެވެ.
އޭނާ އެހެން ބުނި އަޑު ދަނޑުގެ އެ ދިމާލުގައި ތިބި ސަޕޯޓަރުންނަށް އަޑު އިވޭނެވެ. ދެ ދެ ޖުމްލަ މިހާރު ވެސް ސޯޝަލް މީޑިއާގައި އެ ދަނީ ދައުރުވަމުންނެވެ.
ބަސް ބުނުމުގެ ކުރިން ރައީސަށް ދަގަނޑޭގެ ސެލިއުޓް ނެގީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެއީ ދަގަނޑޭއަށް އެ ވަގުތު އެކަން ކުރަން ފެނުނު ގޮތެވެ. އޭނާގެ އެކަހަލަ ސަކަ މިޒާޖުގެ ހަރަކާތްތަކަކީ ކުޅިވަރުގެ މީހުންނަށް އާ ކަންތަކެއް ނޫނެވެ.
ދަގަނޑޭގެ މަސައްކަތް އަދި ނިމުނީއަކީ ނޫނެވެ. ކުރިއަށް އޮތީ އެވެ. ރައީސަށް ވައުދެއް ފުއްދި ގޮތަށް ސަޕޯޓަރުން ބޭނުންވާ ހިސާބަށް ޓީމު ގެންގޮސްދޭށެވެ. އެކަން ކުރެވެން އޮތީ ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކު ރޭ ދެއްކި މޮޅު ކުޅުން ތަކުރާރުކޮށްގެންނެވެ.