އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި ގްރޫފް އޭ ފަޅިން މިރޭ ދިވެހި ރާއްޖެ އަތުން 2-0 ލަނޑުން ބަލިވާން ޖެހުނު އެންމެ ބޮޑު ސަބަބަކީ މެޗުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުމުން ކަމަށް ކިރްގިސްތާންގެ ކޯޗު ސަރުގީ ޑްވޮރިއަންކޯފް ބުނެފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ކިރްގިސްތާން ކޮޅަށް ރާއްޖެއިން ޖެހި ދެ ލަނޑުވެސް ކާމިޔާބުކުރީ މެޗުގެ ދެ ވަނަ ހާފުގައި ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކިރްގިސްތާންގެ ކޯޗް ބުނީ، މުޅި މެޗުގައި ވެސް ރާއްޖެއަށް ވުރެ މޮޅަށް ކުޅުނީ އޭނާގެ ޓީމް ކަމަށެވެ. އެޓީމަށް މެޗުގައި ލަނޑު ޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފުންނަމަ ރާއްޖެ އަތުން މިރޭ ތިން ޕޮއިންޓް ހޯދުނިސް ކަމަށް އޭނާ ބުންޏެވެ. އަދި މެޗުން ބަލިވި ކަމުގައި ވިޔަސް ރާއްޖޭގެ ސަޕޯޓަރުން ދިން ސަޕޯޓަށް ވެސް ކިރްގިސްތާންގެ ކޯޗް ވަނީ މަރުހަބާ ކިޔައިފައެވެ.

"ރާއްޖެއަށްވުރެ މޮޅަށް މުޅި މެޗުގައި ކިރްގިސްތާން ކުޅުނު. ގޯލް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނުނަމަ ނަތީޖާ ނެރެވުނީސް." ކިރްގިސްތާން ޓީމުގެ ކޯޗް ބުންޏެވެ.

ކިރްގިސްތާންގެ ކޯޗް ބުނީ، މިރޭގެ މެޗުގައި ރެފްރީއަށް މެޗުގެ ކޮންޓްރޯލް ގެއްލިގެން ދިޔަކަމަށާއި އެހެން ކަމުން ކިރްގިސްތާން ޓީމުގެ ކުޅުންތެރިނަށް އޭގެ ނޭދެވޭ އަސަރު ކުރި ކަމަށެވެ.

"މިރޭ ރެފްރީ އަށް މެޗުގެ ކޮންޓްރޯލް ގެއްލުނު. ރެފްރީގެ އަމަލުތައް ހުރީ ފުބޯޅައިގެ ރޫހާ އެއްގޮތަށްކަށެއް ނޫން." ޑްވޮރިއަންކޯފް ބުންޏެވެ.

ކިރްގިސްތާން އަތުން ރާއްޖެ މިރޭ 2-0 ލަނޑުން މޮޅުވެފައި ވާއިރު، ރާއްޖެއާއި ކިރްގިސްތާން މީގެ ކުރިން ތިން ފަހަރު ވާދަކޮށްގެން ރާއްޖެ މޮޅުވީ އެއްފަހަރު އެވެ. އަނެއް ދެފަހަރުވެސް މޮޅުވީ ކިރްގިސްތާނެވެ. އެގޮތުން 1997ގައި ދެފަހަ މި ދެޓީމު ވާދަކުރި އިރު، ފުރަތަމަ މެޗުން ކިރްގިސްތާން މޮޅުވީ 3-0 އިންނެވެ. އަދި ދެވަނަ މެޗުން ކިރްގިސްތާން މޮޅުވީ، 6-0 އިންނެވެ. 2011 ވަނަ އަހަރު މާލޭގައި މި ދެޓީމު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 2-1 އިންނެވެ.

މިރޭގެ މެޗުން ކިރްގިސްތާން ބަލިވުމުން އެޓީމު އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ. އެހެން ނަމަވެސް ގްރޫޕްގައި ކިރްގިސްތާނަށް ބާކީ އަދި އެއް މެޗު އެބައޮތެވެ. އެއީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00ގައި މިޔަންމާ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ކުޅޭނީ އައްޑޫ ފުޓްބޯޅަ ދަނޑުގައެވެ.