22 May 2014, 00:34
ޗެލެންޖް ކަޕްގެ ގްރޫޕް އޭ ގެ ހަތަރު ވަނަ މެޗުގައި މިރޭ ކިރްގިސްތާނު ކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި މެޗުން ޓީމު ނެރުނު ނަތީޖާއާ މެދު ހިތް ހަމަ ޖެހޭ ކަމަށް ގައުމީ ކޯޗް ޑްރާގޯ މަމިޗް ބުނެފި އެވެ.
ދިވެހި އެތަކެއް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ކިރްގިސްތާނާ ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވީ 2-0 ލަނޑުންނެވެ. މެޗުގައި ރާއްޖެއިން ކިރްގިސްތާން ކޮޅަށް ޖެހި ދެލަނޑުވެސް ކާމިޔާބު ކޮށްދިނީ ހުނަރުވެރި ފޯވާޑް ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗް މަމިޗް ބުނީ، މެޗް ފަށައިގެން ރެފްރީގެ އެންމެ ފަހު ކަށިގަނޑާ ހަމައަށް ދިވެހި ޓީމުން ދެއްކި މޮޅު ކުޅުމާއި ނެރުނު ނަތީޖާގެ ސަބަބުން އާ އުންމީދުތަކެއް ޓީމަށް ލިބިއްޖެ ކަމަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވެސް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށާއި އެފުރުސަތުތަކުގެ ބޭނުން ނުހިފުނު ކަމުގައި ވިޔަސް، ފުރަތަމަ ހާފުގައި ވެސް މޮޅު ކުޅުމެއް ދެއްކީ ދިވެހި ޓީމުން ކަމަށް ކޯޗް މަމިޗް ބުންޏެވެ.
"ޓީމުން ދެއްކީ މޮޅު ކުޅުމެއް. ދެރައޭ ބުނާވަރުގެ ހަމަ އެންމެ ކުޅުންތެރިއެއްވެސް ނެތް. ހުރިހާ ކުޅުންތެރިންވެސް 100 ޕަސެންޓު މޮޅު ކުޅުމެއް މިރޭ ދެއްކި." މަމިޗް ބުންޏެވެ.
ކޯޗް މަމިޗް ބުނީ، ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އަށް މެޗުގެ ފުރަތަމަ ހާފްގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވަނީ މެޗަށް އެރިއިރުވެސް އޭނާއަށް އަނިޔާގެ މައްސަލައެއް ކުރިމަތިވެފައި ވާތީވެ ކަމަށާއި ނަމަވެސް ދެވަނަ ހާފުގައި ދަނގަޑޭ ދެއްކި ކުޅުމާމެދު ވަރަށްބޮޑަށް ހިތްހަމަޖެހޭ ކަމަށް ކޯޗް ބުންޏެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އަންނަ ހުކުރު ދުވަހުގެ ރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ގްރޫޕްގެ އެއްވަނަ މަގާމްގައި ހަ ޕޮއިންޓާއެކު އޮތް ފަލަސްތީނާ ދެކޮޅަށް ރާއްޖެ ނުކުނައިރު، ގައުމީ ކޯޗް މަމިޗް ބުނީ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ސީރިއަށް އަނިޔާއެއް ވެފައި ނުވާކަމަށާއި އެމެޗަށް ވެސް ޓީމް ނުކުންނާނީ މިރޭގެ މެޗަށް ނުކުތް ގޮތައް، މެޗް ކާމިޔާބު ކުރުމުގެ އުންމީދާއެކު ކަމަށެވެ.
ދިވެހި ސަޕޯޓަރުން ޓީމުގެ ފަހަތުގަ އަބަދުވެސް ތިބުމަށް ކޯޗް އިލްތިމާސް ކުރިއެެވެ. އެގޮތުން ފަލަސް ތީން މެޗުގައި ވެސް މިރޭ ޓީމަށް ދިން ކަހަލަ ފުރިހަމަ ސަޕޯޓެއް ދިނުމަށް ދިވެހި ހުރިހާ ސަޕޯޓަރުންގެ ކިބައިން ގައުމީ ކޯޗު އެދުނެވެ.