ޗެލެންޖް ކަޕްގެ ގައި މިރޭ ކިރްގިސްތާނު ކޮޅަށް ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޖަހައިދިން ދެ ލަނޑާއެކު 2-0 އިން އެޓީމު ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލްގެ އުންމީދު ރާއްޖެއިން އާކޮށްފި އެވެ.

މި މެޗުން މޮޅުވުމުން ކުޅުނު ދެމެޗުން ތިން ޕޮއިންޓު ލިބި، ޕޮއިންޓުގެ ގޮތުން މިޔަންމާއާ ހަމަވެ، ފައިދާ އެއް ލަނޑާއެކު ރާއްޖެ ވަނީ ގްރޫޕްގެ ދެވަނަ ހޯދައިފައެވެ. ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު ފަލަސްތީން އޮތް އިރު މިރޭގެ މެޗުން ބަލިވި ކިރްގިސްތާން އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައެވެ.

މެޗު ފެށުމާއެކު ދެޓީމުގެ ފަރާތުން ވެސް އަވަސް އަދި ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ފުރަތަމަ ހާފުގެ ނުވަ ވަނަ މިނިޓްގައި ރިލްވާން ވަހީދު (ރިލޭ) ވަނީ ކިރްގިސްތާންގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުސްކޮށް ހުރި ދަގަނޑޭއަށް ވަރަށް ރީތި ފުރުސަތެއް ތަނަވަސްކޮށްދީފައެވެ. އެހެން ނަމަވެސް އެ ބޯޅަ ދަގަނޑޭ ފޮނުވާލުމުގެ ކުރިން ދިފާއުކުރީ ކިރްގިސްތާން ކީޕަރު މެތިއަޝް ޕަވެލް އެވެ.

މެޗުގެ 23 ވަނަ މިނިޓްގައި ކިރްގިސްތާން ޓީމުން ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފެއްދިއެވެ. އެހެން ނަމަވެސް އެޓީމުގެ މިޑްފީލްޑަރު، ކުމް މަކާ ބޯޅަ ފޮނުވާލުމުގެ ކުރިން ރާއްޖޭގެ ޑިފެންޑަރު ޝާފިއު އަހްމަދު (ޝާފީ) ވަނީ ޓެކްލެއް ޖަހައި ބޯޅަ ޕެނަލްޓީއޭރިޔާ ތެރެއިން ބޭރަށް ފޮނުވާލައިފައެވެ.

މެޗުގެ 27 ވަނަ މިނިޓުގައި ރާއްޖޭ ޓީމުގެ މިޑްފީލްޑަރު ހުސައިން ނިޔާޒު (ބޮކުރީ) އަށް މެޗުގެ ނަތީޖާ ބަދަލުކޮށްލާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ކިރްގިސްތާނު ޕެނަލްޓީ އޭރިޔާ ތެރެއަށް ދަގަނޑޭ ނަގައިދިން ރީތި ހުރަސް ބޮކުރީ ބޮލުންޖަހައި ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ރާއްޖޭ ޓީމުގެ ފުރަތަމަ ލަނޑު ދަގަނޑޭ ކާމިޔާބުކުރީ، މެޗުގެ 60 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ދަގަނޑޭ ފޮނުވާލި ޕެނަލްޓީ ފުރަތަމަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. އެހެން ނަމަވެސް ދަނޑީގައި ޖެހިފައި ބޭރަށް ނުކުތްބޯޅަ އިތުރު ވިސްނުމަކާ ނުލައި ދަގަނޑޭ ވަނީ ގޯލްތެރެއަށް ފޮނުވާލައިފައެވެ.

ކިރްގިސްތާނުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ އަސްކަރޯފް ޑަވްރޮން ދަގަނޑޭއަށް ފައުލް ކުރުމާ ގުޅިގެން މެޗުގެ ރެފްރީ ޗައިނާގެ ވަންގްޑީ ވަނީ އެ ކުޅުންތެރިޔާއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

ރާއްޖޭގެ ދެވަނަ ލަނޑު ދަގަނޑޭ ކާމިޔާބުކުރީ މެޗުގެ 70 ވަނަ މިނިޓުގެއެވެ. ކިރްގިސްތާނު ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާއަށް ލިބުނު ބޯޅަ ވަރަށް ރީތިކޮށް ގޯލް ތެރެއަށް ފޮނުވާލީ ބޯޅައަށް އެވަގުތު އެރި ކީޕަރުގެ އަރިމަތިން ނެވެ.

މެޗު ނިމެން ދިޔައިރު ދެޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. އަދި ފަހު ހާފުގައި 30 މިނިޓް ދިހަ ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ކިރްގިސްތާނު ޓީމުގެ އޮފިޝަލުން ވަނީ ރެފްރީގެ ނިންމުންތަކާ ހިތްހަމަ ނުޖެހިގެން ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ.

މެޗު ފެށުނީއްސުރެން ނިމެންދެން މެދުކެނޑުމެއް ނެތި ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ހިތްވަރުދެމުން ގެންދިޔަ މިރޭގެ މެޗު ބައްލަވައިލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުޙައްމަދު ނަޝީދު ދަނޑަށް ވަޑައިގަތެވެ. މެޗު ޝަރަފްވެރި ކޮށްދެއްވީ ކުރީގެ ރައީސް ނަޝީދެވެ.

ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހުމެޗުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ 9:00ގައި ވާދަކުރާނީ ފަލަސްތީނާ އެވެ. އަދި ހަމަ އެރޭ 9:00ގައި އައްޑޫ ފުޓްބޯޅަ ދަނޑޫގައި ކިރްގިސްތާން ވާދަކުރާނީ މިޔަންމާއާ އެވެ.