އިންޑިއާގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ނަރެންދުރާ މޯދީ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދައުވަތު އެރުމުން އެމަނިކުފާނު އެ ދައުވަތު ގަބޫލުފުޅު ކުރައްވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ މިރޭ ވިދާޅުވީ މޯދީ މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވަރަށް އަވަހަށް އިންޑިއާގެ ވެރިރަށް ނިއުދެއްލީ އަށް ރައީސް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

އިންޑިއާގެ 14 ވަނަ ބޮޑުވަޒީރު ކަމަށް އިންތިހާބުވެވަޑައިގެންފައިވާ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

މޯދީ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގައި ހިމެނޭ ހުރިހާ ގައުމެއްގެ ވެރީންނަށް ވެސް ވަނީ ދައުވަތު އަރުވައިފަ އެވެ.

ރާއްޖެ ވެސް ހިމެނޭ ސާކްގެ އަށް ގައުމުގެ ވެރިންނަށް މޯދީ ދައުވަތު ފޮނުއްވާފައިވާކަން ހާމަކުރެއްވީ މޯދީ ނިސްބަތްވެވަޑައިގަންނަވާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާނު ނިރުމަލާ ސިތަރާމަން ކުރެއްވި ޓްވީޓެއްގަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ދައުވަތު ފޮނުއްވީ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް މެދުވެރިކޮށް ކަމަށެވެ.