މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އޭއެފްސީ ޗެލެންޖް ކަޕްގެގައި 2-0 އިން މިޔަންމާ ބަލިކޮށް ފަލަސްތީން، މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

މުބާރާތުގައި ފަލަސްތީން މިހާތަނަށް ކުޅުނު ދެމެޗުގެ ތެރެއިރެއިން ފުރަތަމަ މެޗުން ކިރްގިސްތާން އަތުން މޮޅުވީ 1-0 ލަނޑުންނެވެ. އަދި މިއަދު ގެ މެޗުން މިޔަންމާ އަތުން މޮޅުވެ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތްއިރު ފަލަސްތީނަށް ސެމީގެ ޖާގަ ކަށަވަރުވާނީ މިރޭ ކިރްގިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުން ކިރްގިސްތާން މޮޅުވެއްޖެ ނަމަ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު، ފަލަސްތީނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އަބުލްހާމިދު އަބޫހަބީބީ އެވެ. ކިރްގިސްތާނާ ދެކޮޅަށް ފަލަސްތީނު ކުޅުނު މެޗުގައި ވެސް ފެނިގެންދިޔަ ހަމަ އެކަނި ލަނޑު ފަލަސްތީނަށް ކާމިޔާބުކޮށްދިނީ އަބޫހަބީބީއެވެ.

ފަލަސްތީނުގެ ދެވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށިގެން ދެވަނަ މިނިޓްގައެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މުޅި މެޗުގައިވެސް މޮޅުކުޅުމެއް ދެއްކި ފަލަސްތީން ޓީމުގެ ހުނަރުވެރި ފޯވާޑް އަޝްރަފް އަލްފަވަގްރާ އެވެ.

މެޗުގެ ފަހުކޮޅަށް ދިޔައިރު، ދެޓީމުގެ ފަރާތުން ވެސް ވަރުބަލިކަން ފެނިގެން ގޮސްފައިވާއިރު، ފަލަސްތީނު ޓީމުން ވަނީ ފަހުވަގުތުގައި މިޔަންމާގެ ގޯލަށް ނުރައްކާތެރި ގިނަ ހަލާތަކެއް ކައިރި ކައިރީގައި އުފައްފައިފަ އެވެ.

އެގޮތުން ފަލަސްތީނުގެ އަބޫހަބީބީ މިޔަންމާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ ގޯލަށް ފޮނުވާލި ބާރު ހަމަލާ މިޔަންމާ ކީޕަރު ދިފާއުކުރި ނަމަވެސް ބޭރަށް ނުކުތް ބޯޅަ ފަލަސްތީނުގެ އަބްދުﷲ ޖާބިރު ދެވަނަ ފަހަރަށް ގޯލަށް ފޮނުވާލި ނަމަވެސް ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ. އަދި ގޯލް ދަނޑީގައި ޖެހިފައި ބޯޅަ ނުކުތް ވަގުތު ފަލަސްތީނު ކުޅުންތެރިން ވަނީ ތިންވަނަ ފަހަރަށް ވެސް ބޯޅަ ގޯލާދިމާއަށް ފޮނުވައިލާފައެވެ.

މި މެޗުގެ ނަތީޖާއާއެކު ގްރޫގެ އެއްވަނައިގައި ފަލަސްތީނު އޮތްއިރު، ތިން ޕޮއިންޓާއެކު ދެވަނައިގައި އޮތީ މިޔަންމާއެވެ.

މި ގްރޫޕްގައި މިރޭ 9:00ގައި ކުޅޭ މެޗުގައި ވާދަކުރާނީ ރައްޖެއާއި ކިރްގިސްތާން އެވެ. މިމެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ ސެމީން ޖާގައެއް ހޯދުމުގެ ފުރުސަތު ރާއްޖެއަށް ވެސް އޮންނާނެ އެވެ.