21 May 2014, 19:39
އޭއެފްސީ ޗެލެންޖު ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާ ދެކޮޅަށް މިޔަންމާއިން ދެއްކި ކުޅުން މިއަދު ނުފެނި، ފަލަސްތީން އަތުން 2-0 ލަނޑުން ބަލިވުމުން އެކަމާ ހިތާމަ ކުރާކަމަށް މިޔަންމާގެ ކޯޗް ރަޖްކޯ އަވްރަމޮވިޗް ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ފަލަސްތީނާ ދެކޮޅަށް މިޔަންމާ ކުޅުނު މެޗަށްފަހު ކޯޗް ރަޖްކޯ ބުނީ، ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ޓީމުގެ ކުޅުންތެރިންނަށް ގިނަ ގޯސްތަކެއް ހެދުނު ކަމަށާއި ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުމުން އޭގެ ބަދަލު ހިފީ ފަލަސްތީނުން ކަމަށެވެ. އަދި ޓީމުގެ ކެޕްޓަން ޔަން ޕައިންގްއަށް މެޗުގެ 41 ވަނަ މިނެޓުގައި ރެފްރީ ދެއްކި ރީދޫ ކާޑަކީ ގަބޫލް ކުރެވޭ ވަރުގެ ކާޑެއް ނޫން ކަމަށާއި އޭނާއަށް މިއަދުގެ މެޗުން ދެއްކި ރީދޫކާޑުގެ ސަބަބުން ކުރިއަށް އޮތް މެޗުގައި ނުކުޅެވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑުު ދެރައެއް ކަމަށް ވެސް ރަޖްކޯ ބުންޏެވެ.
"ޓީމުން ދެއްކި ކުޅުމާމެދު ހިތް ހަމައެއް ނުޖެހޭ. މިއަދު ފެނިގެން ދިޔައީ ޓީމުގެ އަސްލު ކުޅުމެއް ނޫން. ގިނަ މިސްޓޭކްތަކެއް ކުޅުންތެރިންނަށް ހެދުނު" ރަޖްކޯ ބުންޏެވެ.
މިޔަންމާ ޓީމުގެ ކެޕްޓަން ޔަން ޕައިންގްއަށް ކުރިއަށް އޮތް ކިރްގިސްތާން މެޗުގައި ނުކުޅެވެނީ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާއަށް ރީދޫ ކާޑެއް ދައްކާފައި ވުމުން، ދެ ކާޑު ހަމަވެފައިވާތީ އެވެ.
ގްރޫޕްގެ ފަހު މެޗުގައި ކިރްގިސްތާނާ ދެކޮޅަށް މިޔަންމާ ބައްދަލު ކުރާމެޗް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ އައްޑޫ ފުޓްބޯޅަ ދަނޑުގައެވެ.
މިއަދުގެ މެޗުން މިޔަންމާ ބަލިވުމުން ގްރޫޕުގައި އެޓީމު އޮތީ ކުޅުނު ދެ މެޗުގެ ތެރެއިން، އެއް މެޗުން މޮޅުވެ ތިން ޕޮއިންޓާއެކު ދެ ވަނަ މަގާމް ގައެވެ.