21 May 2014, 19:34
ގައުމީ ޓީމުގެ މެނޭޖަރުގެ ޒިންމާ ކިތަންމެހާ ވެސް ބޮޑެވެ. ޓީމުގައި މެނޭޖަރު އުފުލަންޖެހޭ މަސްއޫލިއްޔަތާއި އަދާކުރަންޖެހޭ ވާޖިބާއި ހަވާލުވާ އަމާނަތްތަކާއި ބޮލުގައި އަޅަންޖެހޭ ޒިންމާ ކިތަންމެހާ ވެސް ބޮޑެވެ. ޓީމު ގޮވައިގެން ދަތުރު ކުރަންޖެހޭ މަންޒިލްތަކަށް ދަތުރު ކުރުމުގައި މެނޭޖަރުގެ ލަފަޔާއި އިރުޝާދު ވެސް އެ ހާމެ ބޮޑެވެ. ޓީމުން ނެރޭ ކާމިޔާބީ އާއި ނާކާމީޔާބީގެ ނަތީޖާތައް ވެސް މެނޭޖަރުގެ ބޮލުގައި އެޅެއެވެ.
ކޯޗަށް ކިޔޭ ފާޑުކިޔުންތައް ވެސް މަދެއް ނޫންނެވެ. މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވުމުން ގިނަ ބަޔަކު ވަނީ ކޯޗަށް ގިނަ ފާޑުކިޔުންތަކެއް ރައްދުކޮށްފަ އެވެ. އޭގެ ތެރޭގައި ކޯޗް އެ މެޗަށް އެކުލަވާލި ފުރަތަމަ 11 އަށް ބޮޑު ފާޑުކިޔުމެއް ރައްދުވި އެވެ. ފާޑުކިޔުންތެރިން ބުނާ ގޮތުންނަމަ ކޯޗުވަނީ މުހިންމު ކުޅުންތެރިންތަކެއް ފުރަތަމަ 11 އިން ބާކީކޮށްފަ އެވެ.
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ކުޅޭ ދެވަނަ މެޗަށް މިރޭ 9:00 ގައި ކިރްގިސްތާނާ ދެކޮޅަށް ނުކުންނައިރު، މީގެ ކުރިން ގައުމީ ޓީމުގެ މެނޭޖަރުކަން ކޮށްފައިވާ ބައެއް ބޭބޭފުޅުން ދެކޭގޮތް މި ލިޔުމުގައި ހިމަނާލާނަމެވެ.
ގައުމީ ޓީމުގެ މެނޭޖަރުކަން ކުރިން ކޮށްފައިވާ އިބްރާހީމް އާމިރު (ސަލްސާ އާމިރު) ބުނީ، މިރޭ ކިރްގިސްތާނާ ދެކޮޅަށް ގައުމީ ޓީމް ނުކުނައިރު ހުރިހާ ވެސްް އުންމީދަކީ މެޗުން ގައުމީ ޓީމު މޮޅުވުން ކަމަށެވެ. އަދި މިޔަންމާ އަތުން ގައުމީ ޓީމް ބަލިވުމުގައި މައްސަލަތަކެއް ހުރި ކަމަށާއި ޓީމްގެ ކޯޗް ފުރަތަމަ މެޗުގައި ނެގި ޑިސިޝަންތަކާމެދު ކަންބޮޑުވާ ކަމަށް ވެސް އާމިރު ބުންޏެވެ.
"އުންމީދަކީ މިރޭ ކިރްގިސްތާން އަތުން މޮޅެއް ހޯދުން. ލަނޑު ޖަހަން މިރޭ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން ވަރަށް މުހިންމު، ކޯޗްގެ މައްސަލަތަކެއް އެބަހުރި ކަމަށް ލަފާކުރެވޭ. ކޯޗް ގެނައުން މާބޮޑަށް ވެސް ލަސްވި. މިރޭ ކިރްގިސްތާން އަތުން އިރާދަކުރެއްވިއްޔާ 2-0 ލަނޑުން ރާއްޖެ މޮޅުވާނެ،" މިރޭގެ މެޗާއި ގުޅިގެން ސަން އަށް ދިން އިންޓަވިއުއެއްގައި އާމިރު ބުންޏެވެ.
ގައުމީ ޓީމުގެ މެނޭޖަރުކަން 2009 ވަނަ އަހަރާއި 2010 ކުރި މައުރޫފް އަހުމަދު (މާއްޓޭ) ބުނީ، ފުރަތަމަ މެޗުގައި ގައުމީ ޓީމަށް ގިނަ ގޯސްތަކެއް ހެދުނު ކަމަށާއި ނަމަވެސް އެ ގޯސްތައް މިރޭގެ މެޗުގައި ރަނގަޅު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"މިރޭ މެޗުގައި ކުޅުމުގެ ސްޓައިލް ބަދަލުކުރާނެ ކަމަށް އުންމީދު ކުރެވޭ. ރާއްޖެ މިރޭ މޮޅުވާނީ ވަރަށް ފުރިހަމަ މޮޅަކުން. ޓީމުގެ ފުރަތަމަ 11 އަށް ބަދަލު ގެންނަން ޖެހޭ. ޓީމަށް ބަދަލުގެނައުމަށް ކޯޗް މިރޭ ފަސް ނުޖެހޭނެ ކަމަށް ގަބޫލް ކުރަން،" ވިކްޓްރީގެ ކުރީގެ ކުޅުންތެރިޔާ އަދި އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދަ ދީފައިވާ މާއްޓޭ ބުންޏެވެ.
ނިއުރޭޑިއަންޓުގެ ކާމިޔާބު މެނޭޖަރު އަލީ ވަހީދު (ބަލަކް) ވެސް އެ ބޭފުޅުން ވާހަކަފުޅަށް އިއްތިފާގުވި އެވެ. ނަމަވެސް އޭނާގެ ވާހަކައިގެ އަމާޒު ހުރީ ސަޕޯޓަރުންނާ ދިމާލަށެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި 2011 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމުގެ މެނޭޖަރުކަން ކުރެއްވި ބަލަކް ވިދާޅުވީ، މެޗަކުން ބަލިވިޔަސް، މިވަގުތަކީ ޓީމަށް މަލާމާތުގެ ބަސްތައް ރައްދު ކުރަންވީ ވަގުތެއް ނޫން ކަމަށާއި މިއީ ޓީމަށް ހިތްވަރު ދޭންވީ ވަގުތު ކަމަށެވެ. އަދި މިރޭ ކިރްގިސްތާނާ ދެކޮޅަށް ގައުމީ ޓީމުން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ބަލަކް ވިދާޅުވި އެވެ.
"މިދަނޑިވަޅަކީ ޓީމަށް މަލާމާތުގެ ބަސްތައް ރައްދު ކުރަންވީ ވަގުތެއް ނޫން. މިއީ ޓީމަށް ހިތްވަރު ދޭންވީ ދަނޑިވަޅު. މިރޭގެ މެޗުން ދިވެހި ޓީމް ކާމިޔާބު ހޯދާނެ ކަމަށް އުންމީދުކުރަން،" ނިއުރޭޑިއަންޓަށް ގިނަ ކާމިޔާބީތައް މިދިޔަ ސީޒަންގައި ހޯދައިދިން، އަދި ތޮއްޑޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.
މި ފަހަރު ޗެލެންޖު ކަޕުގެ ހުރިހާ މެޗެއް ކުޅޭން ހަމަޖެހިފައި ވަނީ ރާއްޖޭގަ އެވެ. އެއީ ވެރިރަށް މާލެ އާއި އައްޑޫގަ އެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނުނީ ގްރޫޕް އޭ ފަޅީގައެވެ. ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ ހުކުރު ދުވަހުގެ ރޭ 9:00 ގައި ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.