ތަރައްގީގައި އަންހެނުންނަކީ ވަރަށް މުހިންމު ބައެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ތަރައްގީގެ މުހިންމު ހިއްސާއެއް ދިވެހި އަންހެން ކަނބަލުންނަށް ދިނުމަކީ މިސަރުކާރުގެ އެންމެބޮޑު އެއް ވިސްނުންކަމަށް ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ސަބާ މޯލްޑިވްސްގެ އުފެއްދުންތައް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައި ވިއްކަން ފެށުމުގެ ގޮތުން އެއާޕޯޓުގައި މިއަދު އޮތް ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ، ރާއްޖޭގެ ތަރައްގީގައި އަންހެނުންގެ ވަރަށްބޮޑު ހިއްސާއެއްވާ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސީ މަގާމްތަކުންނާއި ޚާއްސަކޮށް ވިޔަފާރީގެ ދާއިރާއިން އަންހެނުންނަށް ގިނަ ފުރުސަތުތައް ހޯދައި ދިނުމަކީ އަންހެނުންގެ މަގާމް މަތިކުރުމަށާއި ވެލްފެއާގެ ނިޒާމް ހަރުދަނާކުރުމަށް އެޅޭނެ އެންމެމުހިންމު އެއް ފިޔަވަޅު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

" މި ސަރުކާރުގެ ސިޔާސަތު ކުރިޔަށްއޮތް ފަސް އަހަރު ގައި ކުރިޔަށް ގެންދާނީ މުޅި ވެލްފެއާގެ ނިޒާމްއާ އަންހެން ބޭކަނބަލުންގެ މަގާމަކީ ސަރަހައްދީ ގޮތުންނާ، ތަރައްގީވެފައިވާ ގައުމުތަކުގެ ނިސްބަތުން އަންހެނުން ފަހުރުވެރިވާފަދަ މަގާމަކަށް ހެދުމަކީ ރައީސް ޔާމީން އާއި މިސަރުކާރުގެ ވިސްނުންކަމަށް އަޅުގަނޑު ދަންނަވަން،" ޑރ. ޖަމީލް ވިދާޅުވި އެވެ.

މިއަދު އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލްގައި ހުޅުވިގެންދިޔަ ފިހާރަތަކަކީ ރާއްޖޭގެ އަންހެނުންގެ އުފެއްދުންތަކާއި އެބޭކަނބަލުންގެ އަތްތެރި މަސައްކަތްތަކުގެ ތެރެއިން އުފައްދާ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރަށް ވިއްކުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރު ނިމެންވާއިރަށް އެއާޕޯޓަކީ ދިވެހިން ފަޚުރުވެރިވާފަދަ ތަނަކަށް ވެގެންދާނެ ކަމަށާއި ދިވެހީންގެ އުފެއްދުންތަކާއި ސަގާފަތް ދައްކުވައިދޭ އުފެއްދުންތައް މިއަދު ފަތުރުވެރިންނަށް އެއާޕޯޓުން ލިބެން ހުރުމަކީ ވަރަށް ބޮޑު އުފަލެއްކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

މާލެ އިންޓަރނޭޝަނަލް އެއާޕޯޓްގެ އިތުރުން ޝަބާ މޯލްޑިވްސްގެ އެހީތެރިކަމާއެކު ދިވެހީންގެ އުފެއްދުންތައް ރާއްޖޭގެ އިތުރު ތިން އެއާޕޯޓެއްގައި ވިއްކުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނާއިބް ރައީސް ވިދާޅުވިއެވެ.