31 Dec 2010, 10:28
ސިފައިންގެ ޚިދުމަތުގައި އުޅުއްވަނިކޮށް ނިޔާވި ވޮރަންޓް އޮފިސާ ގްރޭޑް 2 އިބްރާހިމް މުޙައްމަދުގެ އާއިލާއަށް ސިފައިންގެ ފަރާތުން ދޮޅުލައްކަ ރުފިޔާގެ ފައިސާގެ އެހީ ހަދިޔާކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ ބަންޑާރަކޮށީ އޮފިސަރުންގެ މެސްރޫމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސިފައިންގެ ފަރާތުން ހަދިޔާކުރި ފައިސާގެ ރަމްޒީ ޗެކާއި މަރުހޫމް އިބްރާހިމް މުޙައްމަދުގެ އާއިލާއިން ހަވާލުވީ އޭނާގެ އަންހެނުން މަރިޔަމް އިބްރާހިމް ކަމަށެވެ. ސިފައިންގެ ފަރާތުން ރަމްޒީ ޗެކް މަރުހޫމް އިބްރާހިމް މުޙައްމަދުގެ އާއިލާއަށް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ ޢަލީ ޖަލީލެވެ.
މަރުޙޫމް އިބްރާހިމް މުޙައްމަދުގެ އާއިލާއަށް ސިފައިން ހަދިޔާކޮށްފައި ވަނީ 157,568ރުފިޔާގެ ފައިސާގެ އެހީއެކެވެ.
އެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ފަރުޙަތު ޝަހީރު ވަނީ އެމަރުހޫމްގެ އާއިލާއަށް ހިތްވަރު ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަހަރަކަށް ވުރެ ގިނަ ދުވަސްވާންދެން ކެންސަރު ބަލީގައި އުޅުއްވުމަށް ފަހު އަލްމަރުހޫމް އިބްރާހިމް މުޙައްމަދު ދުނިޔެ ދޫކުރައްވާފައި ވަނީ މި އަހަރުގެ ނޮވެމްބަރު ދެ ވަނަ ދުވަހުގެރެ އެވެ. ނިޔާވިއިރު އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގައި މަސައްކަތްކުރެއްވި އަލްމަރުހޫމް އިބްރާހިމް މުޙައްމަދު ސިފައިންގެ ޚިދުމަތުގައި 21 އަހަރާއި ފަސް މަހާއި 17 ދުވަސް ހޭދަކުރެއްވި އެވެ.