އޭއެފްސީ ޗެލެންޖް ކަޕްގައި މިއަދު ހަވީރު ގްރޫޕް އޭ ފަޅިން މިޔަންމާ އާއި ދެކޮޅަށް ކުޅެ 2-0 ލަނޑުން ފަލަސްތީނަށް ލިބުނު ކާމިޔާބީ އަކީ މުބާރާތުގައި ކުރިއަށްދިޔުމަށް ލިބުނު އާ ހިތްވަރެއް ކަމަށް ފަލަސްތީނުގެ ކޯޗު ޖަމާލް މަހްމޫދު ބުނެފި އެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފަލަސްތީނުގެ ކޯޗު ޖަމާލް މަހްމޫދު ބުނީ، މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ގްރޫޕް އެއްވަނާގައި އޮވެ، ސެމީ ފައިނަލާ ގާތަށް ޖެހިލުމަކީ މުބާރާތުގައި ކުރިއަށްދާން ލިބުނު އާ ހިތްވަރެއް ކަމަށެވެ. އަދި މެޗުގައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭކަމަށާއި ގްރޫޕްގެ ފަހު މެޗަށް ވެސް ނުކުްނާނީ ތިން ޕޮއިންޓް ހޯދުމުގެ އުންމީދުގައި ކަމަށްވެސް ކޯޗް މަހްމޫދު ބުންޏެވެ.

"ފުރަތަމަ މެޗާ އަޅާ ބަލާއިރު މިއަދު މިޔަންމާ އާއި ދެކޮޅަށް ދެއްކި ކުޅުމާމެދު ވަރަށް ހިތް ހަމަޖެހޭ. މިލިބުނު ކާމިޔާބީ އަކީ ކުރިއަށްދާން ލިބުނު ހިތްވަރެއް. ގްރޫޕްގެ ފަހު މެޗް ކާމިޔާބު ކުރުމަށް ވަރަށް މަސައްކަތް ކުރާނަން" މަހުމޫދް ބުންޏެވެ.

ގްރޫޕްގެ ފަހު މެޗުގައި ފަލަސްތީން އަންނަ ހުކުރު ދުވަހުގެ ރޭ 9:00ގައި ބައްދަލު ކުރާނީ ރާއްޖެއާ ދެކޮޅާށެވެ.

މިއަދު ލިބުނު ކާމިޔާބީގެ އުފަލުގައި ފަލަސްތީންގެ ކޯޗު ބުނީ ދަނޑަށް ވަދެތިބި، ދިވެހި ސަޕޯޓަރުން ޓީމަށް މިއަދު ދިން ސަޕޯޓަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

މިއަދުގެ މެޗުން މޮޅުވުމުން ފަލަސްތީން ވަނީ، ދެ މެޗުން ހަ ޕޮއިންޓް ލިބި ގްރޫޕްގެ އެއްވަނަ މަގާމްގައި އޮވެ، ސެމީ ފައިނަލާ ގާތައް ޖެހިލާފައެވެ.

މިއަދުގެ މެޗުގައި ފަލަސްތީނަށް ފުރަތަމަ ލަނޑު ޖަގައިދިނީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަބުލްހާމިދު އަބޫހަބީބީ އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 49 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަޝްރަފް އަލްފަވަގްރާ އެވެ.

ގްރޫޕްގައި ފަލަސްތީން ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހޯމަދުވަހުގެ ހަވީރު ކިރްގިސްތާން އަތުން މޮޅުވެފައި ވަނީ 1-0 ލަނޑުންނެވެ.

ގްރޫޕްގެ ދެ ވަނަ މަގާމުގައި އޮތީ މިދިޔަ ހޯމަ ދުވަހުގެ ރޭ ރާއްޖެ އަތުން 3-2 ލަނޑުން މޮޅުވި މިޔަންމާއެވެ.

މި ގްރޫޕްގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ދިވެހި ރާއްޖެ އާއި ކިރްގިސްތާނެވެ.