އިންޑިއާގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ނަރެންދުރާ މޯދީ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގައި ހިމެނޭ އަށް ގައުމުގެ ވެރިންނަށް ދައުވަތު ފޮނުއްވައިފި އެވެ.

ރާއްޖެ ވެސް ހިމެނޭ ސާކްގެ އަށް ގައުމުގެ ވެރިންނަށް މޯދީ ދައުވަތު ފޮނުއްވާފައިވާކަން ހާމަކުރެއްވީ މޯދީ ނިސްބަތްވެވަޑައިގަންނަވާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ތަރުޖަމާނު ނިރުމަލާ ސިތަރާމަން ކުރެއްވި ޓްވީޓެއްގަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ދައުވަތު ފޮނުއްވީ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް މެދުވެރިކޮށް ކަމަށެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ ސާކްގެ ގައުމުތަކުގެ ވެރިންނަށް މޯދީ ދައުވަތު ފޮނުއްވުމާ ގުޅިގެން އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީ އާއި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްޝާ ވަޑައިގަންނަވާނެ ކަން މިހާރު އެދެގައުމުން އަންގާފައިވާ ކަމަށެވެ.

މޯދީގެ ދައުވަތު އަދި ނުލިބޭ ކަމަށް އިންޑިއާގައި ހުރި ޕާކިސްތާނު އެމްބަސީން ބުނި ކަމަށް އެންޑީޓީވީން ބުންޏެވެ.
ބީޖޭޕީން ކުރިން ބުނެފައި ވަނީ އިންޑިއާގެ ހާރިޖީ ސިޔާސަތު އަލުން ބައްޓަން ކުރުމަށް އެޕާޓީގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

މޯދީގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނަށް ލިބިވަޑައިގެންފައިވާ ކަމެއް ނުވަތަ ނޫން ކަމެއް، އަދި އެމަނިކުފާނު ވަޑައިގަންނަވާނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ވަނީ ކަށަވަރު ނުވެފަ އެވެ. އެކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ އަށް ފޯނު ކުރި އިރު އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މޯދީ ހުވާ ކުރައްވަނީ އަންނަ އާދީއްތަ ދުވަހު އެވެ.