ޝަރުއީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ރާއްޖެ އިން ބޭރުގައި ބާއްވާ ވޯކްޝޮޕާއި ސެމިނާތަކުގައި ބައިވެރިވާ ނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ގަވާއިދެއްގައި ބުނެފައި ވަނީ ވޯކްޝޮޕާއި ސެމިނާތަކުގައި ބައިވެރިވެވޭނެ ދާއިރާތައް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

އެ ގަވާއިދު ބުނާ ގޮތުން ރާއްޖެ އިން ބޭރުގައި ބާއްވާ ވޯކްޝޮޕާއި ސެމިނާތަކުގައި ބައިވެރިވާނެ ފަނޑިޔާރަކު ކަނޑައަޅާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރެވެ. އަދި ކޯޓުގެ މުވައްޒަފަކު ބައިވެރިވާ ނަމަ އިސްފަނޑިޔާރު އެ ނިންމުން ނިންމަން ޖެހޭނީ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުންނެވި އެންމެ އިސް ބޭފުޅަކު ދޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ހުއްދައަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.