ވިލިމާލޭ ސިއްހީ މަރުކަޒު 15 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަަސައްކަތް 5.4 މިލިއަން ރުފިޔާ އަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ ހޮސްޕިޓަލްގެ އިމާރާތަށް ބަދަލުގެނައުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްއެސް ކާޕެންޓްރީއާ ކަމަށެވެ. އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 115 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

"ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަން ބޭނުންވާ ހުރިހާ ސާމާނެއް ސަރުކާރުން ވަނީ ގެނެސްފައި،" އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވި ގޮތުގައި ހޮސްޕިޓަލްގެ އިމާރާތަށް ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކަށް ފަހު ހޮސްޕިޓަކަށް ބަދަލުވެގެން ދާއިރު ބަލިމީހުން ބަލާނެ ދެ ކޮޓަރި އާއި އޮޕަރޭޝަން ތިއޭޓަރާއި އިމަޖެންސީ ސާވިސްގެ އޭރިޔާގެ ފެންވަރު ރަނގަޅު ވެގެންދާނެ އެވެ. އަދި އެތަނުގެ ލެބޯޓްރީ އާއި ލޭބާރޫމްގެ ޖާގަ ތިން މީހުންގެ ޖާގައަކަށް ބަދަލުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލަކަށް ބަދަލުވެގެންދާ އިރު ހާއްސަ ބަލިތަކާ ބެހޭ ޑޮކްޓަރުން ވެސް ވިލިމާލޭގެ ހޮސްޕިޓަލްގެ ޑިއުޓީގައި ތިއްބަވާނެ ކަަމަށެވެ.