މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުމުގެ ކުށުގައި ޖަލަށްލާފައިވަނިކޮށް ބޭސްފަރުވާ އަށް ލަންކާ އަށް ފޮނުވާފައިވާ މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒު އަބްދުއްރައްޒާގު މިއަދު ލަންކާ އިން ހައްޔަރުކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ސަން އަށް ވިދާޅުވީ ދިވެހި ފުލުހުންނާއި ލަންކާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ސަފާ ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ ގަޑިން ގާތްގަނޑަކަށް 4:00 އެހައިކަށްހާ އިރު ސްރީލަންކާގެ ވެރިރަށް ކޮލަންބޯ އިން ކަމަށެވެ.

"ހޯމް މިނިސްޓަރުގެ އަމުރަކަށް ސަފާ ހައްޔަރުކޮށްފައި ވަނީ. ދިވެހި ފުލުހުންނާއި ލަންކާ ފުލުހުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި،" ތަޒްމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ އަވަހަށް ލަންކާ އިން ރާއްޖެ އަންނަ ފްލައިޓަކުން ސަފާ މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސަފާ ބޭސްފަރުވާ އަށް ލަންކާ އަށް ފޮނުވި ތިން މަސް ދުވަހުގެ މުއްދަތު ހަމެވެވެފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ގައިދީން ފޮނުވަނީ ވަގުތީ ޓްރެވެލް ޑޮކިއުމެންޓެއް ދިނުމަށް ފަހު ކަމަށާއި އެމީހުންނަށް ޕާސްޕޯޓު ދޫނުކުރާ ކަމަށެވެ. އަދި ފިލައިފި ނަމަ އެފަދަ މީހަކު ހޯދައި އަނބުރާ ޖަލަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން ބުނެފައި ވަނީ ސަފާ އަކީ 2006 ވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަމުން އަންނަ މީހެއް ކަމަށެވެ. ސަފާއާ އެކު އޭނާގެ ބައިވެރިން ވެސް ދިގު މުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ އެންމެން ވެސް މިހާރު ދަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންނެވެ.