މިސްރުގެ ކުރީގެ ރައީސް މުހައްމަދު ހުސްނީ މުބާރަކު ތިން އަހަރަށް ޖަލަށް ލުމަށް އެގައުމުގެ ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އަލްޖަޒީރާ ބުނީ މުބާރަކު ޖަލަށް ލުމަށް ހުކުމްކުރީ ދައުލަތުގެ ފައިސާ އިން ވައްކަން ކުރެއްވި ކަމުގެ ކުށް ސާބިތުވެގެން ކަމަށެވެ. "ރިޔާސީ ގަނޑުވަރުތަކުގެ މައްސަލައި"ގެ ގޮތުގައި މިސްރުގައި މަޝްހޫރުވެފައިވާ އެ މައްސަލައިގައި މުބާރަކުގެ ދަރިކަލުން އަލާއު މުބާރަކާއި ޖަމާލުއްދީން މުހައްމަދު ހުސްނީ މުބާރަކު ހަތަރު އަހަރަށް ޖަލަށް ލުމަށް ވެސް ޤާހިރާގެ ކްރިމިނަލް ކޯޓުން ހުކުމް ކުރި ކަމަށް އެ އެޖެންސީ ބުންޏެވެ.

މުބާރަކާއި އިތުރު އެހެން ބޭފުޅުންތަކެއްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރިޔާސީ ގަނޑުވަރު މަރާމާތު ކުރުމުގެ ނަމުގައި ބަޖެޓްގައި ހިމެނި 17.6 މިލިޔަން ޑޮލަރު އަމިއްލަފުޅު ގެދޮރުގެ ފެންވަރު ރަނގަޅުކުރި މައްސަލައިގަ އެވެ. އެހެންވެ މުބާރަކާއި ދެ ދަރިކަލުން ކޮންމެ ބޭފުޅަކު 2.9 މިލިޔަން ޑޮލަރު ދައުލަތަށް ދެއްކުމަށް ވެސް މިއަދުގެ ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.

ތިން އަހަރުގެ ހުކުމް ތަންފީޒު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ އިރު މުބާރަކު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ޤާހިރާގެ މުއްސަނދި އަވަށެއް ކަމަށްވާ މާދީގައި ހުންނަ މިލިޓަރީ ހޮސްޕިޓަލެއްގަ އެވެ.