އައްޑޫ ސިޓީން: އަލީ ރިފްޝާން

އޭއެފްސީ ޗެލެންޖް ކަޕުގައި އަފްޣާނިސްތާނު އަތުން ލަނޑެއް ނުޖެހި އެއްވަރުވެގެން ދިއުމުގައި ގިނަ ވަގުތު ކަނޑުމަތީގައި ހޭދަކުރުން ހިމެނޭ ކަމުގައި ފިލިޕީންސްގެ ކޯޗު ތޯމަސް ޑޫލޭ ބުނެފި އެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި ފިލިޕީންސް އާއި އަފްޣާނިސްތާނު ކުޅުނު ފޯރިގަދަ މެޗު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ފިލިޕީންސްގެ ކޯޗު ބުނީ، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން ހަ ކުޅުންތެރިއަކު ބަލިވި ކަމަށާއި އެކަމުގެ ސަބބަބުން މެޗުގެ ރޭވުން ބަދަލުކުރަން ޖެހުނު ކަމަށެވެ.

"ހުރިހާ ކަމެއް ދިޔައީ އަހަރެމެން ބޭނުންވި ގޮތަކަށް ނޫން. އަހަރެމެން ކަނޑުމަތީގައި ގިނަ ވަގުތުތަކެއް ހޭދަކުރިން. އެކަމުގެ ސަބަބުން ހަ ކުޅުންތެރިން ބަލިވި. އެހެންވުމުން މެޗުގެ ރޭވުންތައް ބަދަލުކުރަން ޖެހުނީ. މިކޮޅަށް އައިގޮތަށް އައިސް މެޗު ކުޅެން ނުޖެހުމުން އުފާކުރަން،" ޑޫލޭ ބުންޏެވެ.

ފިލިޕީންސް ކޯޗު ބުނީ، ފުރަތަމަ 20 މިނެޓަށްފަހު ޓީމުގެ ކުޅުން ރަނގަ ޅުކުރި ކަމަށާއި ލަނޑުޖަހާނެ ރަނގަޅު ފުރަސަތުތަކެއް ވެސް ތަނަވަސް ކުރި ކަމަށެވެ.

"ފުރަތަމަ 20 މިނެޓްގައި އަހަރެމެންގެ ފަރާތުން ފެނުނީ ވަރަށް ދަށް ކުޅުމެއް. އަހަރެމެން ކުރިން ރޭވި ގޮތަކަށް ނޫން ކުޅެން ޖެހުނީ. ކުޅުންތެރިން ހުރީ ފުރަތަމަ މެޗަށް ނުކުންނަން ވީމަ، ކުޑަކޮށް ހިތް ބިރުގަނެފަ. މެޗުގެ ފުރަތަމަ 20 މިނެޓަށް ފަހު، އަހަރެމެންނަށް ރަނގަޅު ކުޅުމެއް ދެއްކުނު. ދެވަނަ ހާފުގައި ވެސް މަޑުމަޑުން އަހަރެމެން މެޗު ތެރެއަށް ވަދެ ނުރައްކާ ކުރިން. އެގޮތުން އަހަރެމެން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނު،" އޭނާ ބުންޏެވެ.

ޑޫލޭ ބުނީ، މެޗުން މޮޅުވެވެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ގޯލެއް ކާމިޔާބުކުރަން ލިބުނު ފުރުސަތު ގެއްލުނީ އަފްޣާނިސްތާނުގެ ގޯލްކީޕަރު މަންސޫރު ފިގިރިޔާރުގެ ހުށިޔާރުކަމުން ކަމަށެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެންނަށް މި މެޗުން މޮޅުވެވެން ޖެހޭނެ. މެޗުގައި އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ އަހަރެމެންނަށް. ގޯލެއް ކާމިޔާބުކުރެވުނީ އިދިކޮޅު ޓީމުގެ ގޯލްކީޕަރުގެ ހުށިޔާރުކަމުން. އަހަރެމެން ކުޅެވުނު ގޮތާއި މެދު އަހަރެމެން ހިތްހަމަ ނުޖެހޭނެ. އަދި އެމީހުންނަށް ކުޅެވުނު ގޮތާއި މެދު އެމީހުން ހިތަހަމަނުޖެހޭނެ،" އޭނާ ބުންޏެވެ.

ކުރިއަށް ހުރި މެޗުތަކަށް އިޝާރާތްކޮށް ޑޫލޭ ބުނީ، އެ މެޗުތަކަކީ ވަރަށް މުހިންމު މެޗުތަކެއް ކަމަށާއި އެ މެޗުތަކުން ތިން ޕޮއިންޓް ހޯދުން ވަރަށް މުހިންމު ކަމަށެވެ.

"ކުރިއަށް އޮތް މެޗަކީ އަހަރެމެންނަށް ވަރަށް މުހިންމު މެޗެއް. އެ މެޗުގައި އަހަރެމެން ރަނގަޅު ކުޅުމެއް ދައްކަން ޖެހޭނެ. ގިނަ ލަނޑުތަކެއް ޖެހުމެއް ނޫން މުހިންމީ. އެންމެ މުހިންމު ކަމަކީ ކުރިއަށް ހުރި މެޗުތަކުން މޮޅުވުން،" އޭނާ ބުންޏެވެ.

ގްރޫޕް ބީގައި ފިލިޕީންސް ދެން ނުކުންނަން ޖެހޭނީ ލާއޯސްއާ ދެކޮޅަށެވެ. އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅޭ މިމެޗަށް ފިލިޕީންސް ނުކުންނާނީ މާދަމާ ހަވީރު 4:00ގަ އެވެ.