31 Dec 2010, 09:45
ދިރާގު ނެޓްވޯކަށް ބަޔަކު "ހަމަލައެއް" ދިނުމާ ގުޅިގެން އިންޓަނެޓްގެ ޚިދުމަތަށް ދިމާވެފައިވާ މައްސަލަ އަދިވެސް ހައްލު ނުކުރެވޭ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުން މިއަދު ނެރުނު "ދެންނެވުމެއް"ގައި ބުނެފައި ވަނީ ދިރާގު އިންޓަނެޓް ނެޓް ވޯކަށާއި ވެބްސާވަރަށް މެދުކެނޑުމެއްނެތި ހެކްކުރާ ފަރާތްތަކެއް ގެއްލުން ދިނުމަށް ކުރާ މަސައްކަތެއްގެ ސަބަބުން ދިރާގު އިންޓަނެޓާއި މޯބައިލް އިންޓަނެޓް ޚިދުމަތް ބޭނުން ކުރުމުގައި ބައެއް ސައިޓްތަކަށް ވަނުމުގައި އަދިވެސް ދަތިތަކެއް ކުރިމަތި ވެދާނެ ކަމަށެވެ. އަދި އެ މައްސަލަ އަކީ ބަޔަކު ގަސްތުގައި ޑީޑޮސް ހަމަލާތަކެއް ދިރާގުގެ ނެޓްވޯކަށް ދިނުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ނެޓްވޯކުގެ ދަށުން ރާއްޖޭގައި ހިންގާ ވެބް ސައިޓްތައް އިއްޔެ މެންދުރު ފަހުން ފެށިގެން މެދުކެނޑިގެން ދިޔައީ ނެޓްވޯކަށް ބަޔަކު "ހަމަލައެއް" ދިނުމާ ގުޅިގެން ނެވެ.
ދިރާގު މެނޭޖާ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން އިއްޔެ ވިދާޅުވީ ދިރާގުގެ ނެޓްވޯކަށް އާންމުކޮށް އެކި ލެވެލްތަކުގައި ހަމާލާ އަންނަ ކަމަށާއި ނެޓްވޯކަށް އިއްޔެ އައި ހަމަލާ އަކީ ވެސް އެފަދަ ހަމަލާއެއް ކަމަށެވެ.
ދިރާގު ނެޓްވޯކަށް ދިން ހަމަލާއާ ގުޅިގެން އިއްޔެ މެންދުރު ފަހުން ފެށިގެން ސަން އޮންލައިންގެ ހަބަރުތައް ފޯރުކޮށް ދިނުމަށް ވެސް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.