14:30


އިސްލާމް ދީނާ އިދިކޮޅު ހިޔާލުތަކަށް ވެސް ރާއްޖޭގައި ފުރުސަތު ދޭންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ހިތާބުގައި ގޮވާލައްވާފައިވާ ކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން އަދާލަތު ޕާޓީން ކުށްވެރިކޮށްފި އެވެ.


އަންހެނުންގެ ހައްގުތަކަށް ގެއްލޭ ގޮތަކަށް ދީނީ އިލްމުވެރިންގެ ތަގްރީރުތަކުގައި ވާހަކަ ދައްކާ ކަމަށް ބުނެ، އެފަދަ ވާހަކަތައް ހުއްޓުވުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާތީ، ދީނުގައި ކަނޑައެޅި ބަޔާންވެފައިވާ އުސޫލުތަކާ އިދިކޮޅު ހިޔާލުތަކަށް ވެސް ތަންދޭންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ރޭޑިއޯ ހިތާބުގައި ވިދާޅުވެފައިވާތީ އެކަން ކުއްވެރިކޮށް އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ފަހަކަށް އައިސް ރައީސް ނަޝީދުގެ ރޭޑިއޯ ހިތާބުތަކުގައި ދީނުގެ އަސްލުތަކާ ތައާރަޒްވާ މޭރުމުން ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށާއި އަދި ލާދީނީ ފިކުރުތައް ދިވެހި ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމަށް ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ.


ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފަށް އެފަދަ ފިކުރަކަށް ފުރުސަތުދިނުމަށް އެދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ދީނާ އިދިކޮޅު އެފަދަ ވާހަކައެއް ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ކަމަމީ އަދާލަތު ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.


އިސްލާމް ދީނާ އިދިކޮޅު ފަރާތްތަކުން ދައްކަވަމުން ގެންދަވާ ދީނާ ހިލާފު ވާހަކަތަކަށް ރައީސް ނަޝީދު ހެއްލިވަޑައިނުގަތުމަށާއި އަދި އެހެން ދީންތަކަށް މި ޤައުމުގައި ފުރުސަތު ނުދިނުމަށް އެދި އެ ނޫސް ބަޔާނުގައި ރައީސް ނަޝީދަށް އިލްތިމާސްކޮށްފައިވެ އެވެ.