21 May 2014, 14:54
މަސްތުވާތަކެތި ގެންގުޅުނު މީހަކު 100،000ރ. އިން ޖޫރިމަނާކުރުމާ އެކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ތ. ކަނޑޫދޫ އަނޯނާގޭ މުހައްމަދު އަޒީންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާވިބިތުވުމުންނެވެ. ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އޭނާ އަށް ވަނީ އަންގާފައެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަށް ހާއިރު ދިލްބަހާރުމަގުގައި ހުންނަ ގެއެއްގެ ކައިރިއަށް އަޒީން ސައިކަލެއްގައި ދިޔުމުން އޭނާގެ އަމަލުތައް ހުރިގޮތުން ފުލުހުން އޭނާ ހައްޔަރުކޮށް ޗެކްކުރި އިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ފުލުހުން ހިފެހެއްޓުމާއެކު އޭނާ ބިންމައްޗަށް ދެ ރަބަރު ޕެކެޓު ވައްޓާލި ކަމަށާއި އަދި އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު ޖިންސްގެ ޖީބުގައި އޮތް ސިނގިރެޓް ފޮއްޓެއްގެ ތެރެއިން 10 ރަބަރު ޕެކެޓު ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފައެވެ.
އޭނާގެ އަތުން ފެނުނު އެ ރަބަރު ޕެކެޓުތަކުގައިވާ ތަކެތި ލެބޯޓަރީގައި ތަހުލީލުކުރި އިރު އޭގެ ބަރުދަނުގައި 9.1303 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފައެވެ.