އޭއެފްސީ ޗެލެންޖް ކަޕުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުނު މެޗުން ތިން ޕޮއިންޓް ނުލިބުނު ނަމަވެސް ނަތީޖާއާ މެޗު ހިތްހަމަޖެހޭ ކަމަށް އަފްޣާނިސްތާނުގެ ކޯޗު އެރިޗް ރޫޓެމޫލާ ބުނެފި އެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި އަފްޣާނިސްތާނާއި ފިލިޕީންސް ރޭ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ޓްރާންޕޯޓުގެ މައްސަލައަކާއި ގުޅިގެން މި މެޗު ފެށީ ފެށެން އޮތް ގަޑިއަށްވުރެ، އެއް ގަޑިއިރު ފަހުންނެވެ.

"މެޗު ނިމުނުއިރު ނުކުތީ ރަނގަޅަ ނަތީޖާ. މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް އަވަސް ކުޅުމެއް. މެޗު ފަސޭހައެއް ނޫން. ސެޓްޕްލޭތައް ޑިފެންސް ކުރުމަށް ވެސް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު. އަހަރެންގެ ޓީމު ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ. އަހަރެމެންގެ ފަރާތުން އުނިވީ ގޯލެއް ކާމިޔާބުކުރުން،" ރޫޓެމޫލާ ބުންޏެވެ.

އަފްޣާނު ކޯޗު ބުނީ ތުރުކުމެނިސްތާނާއި ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި އަފްޣާނުން ބަލާނީ އެހެން ޓީމުތަކުން ނެރޭ ނަތީޖާތަކަށް ނޫން ކަމަށެވެ. އޭގެ އިތުރުން ރޫޓެމޫލާ ވަނީ ޓްރާންސްޕޯޓު މައްސަލައާއި ބެހޭގޮތުން ވެސް ވާހަކަދައްކައިފަ އެވެ.

"ތުރުކުމެނިސްތާނާއި ދެކޮޅަށް ނުކުންނަ މެޗަކީ އަހަރެމެންނަށް ވަރަށް މުހިންމު މެޗެއް. އެހެން ޓީމުތަކަށް ބަލާކަށް އަހަރެމެން ނުޖެހޭ. އަހަރެމެން ޖެހޭނީ ރަނގަޅު ކުޅުމެއް ދައްކާ މެޗުތަކުން މޮޅުވާން. އުނދަގޫވިޔަސް އަހަރެމެންނަށް މި ގްރޫޕްގައި ކުރިއަށް ދެވެން އެބައޮތް،" އޭނާ ބުންޏެވެ. "އަހަރެމެންނަށް އެންމެ ބޮޑު އުނދަގުލެއް ޖެހުނީ ޓްރާންސްޕޯޓުގެ މައްސަލައިގައި،"

އަފްޣާނު ކޯޗު އިތުރަށް ބުނީ، އެ ޓީމު ބޭނުންވި ގޮތަށް ކުޅެވުނު ކަމަށާއި މެޗަށް ނުކުތް އިރު ވެސް ފިލިޕީންސް ޓީމަކީ ވަރުގަދަ ޓީމެއްކަން އެނގޭ ކަމަށެވެ.

"ފިލިޕީންސްއަކީ ވަރަގުދަ ޓީމެއްކަން އަހަރެންނަށް ކުރިން ވެސް އެނގޭ. އެގޮތުން އަހަރެމެން ކުރަން ޖެހުނު މަސައްކަތް ރަނގަޅަށް ކުރެވުނު ކަމަށް އަހަރެން ގަބޫލުކުރަން. އަހަރެމެންނަށް އެމީހުންނަށް ޕްރެޝަރު ކުރެވުނު. ޑިފެންސްކޮށް، މެދުތެރޭގައި ކުޅެ، އަހަރެމެން ފުރުސަތުތަކެއް ހޯދިން. އެމީހުންނަށް މާ ގިނަ ފުރުސަތުތަކެއް ނުލިބޭ،" އޭނާ ބުންޏެވެ.

އަފްޣާނުގެ ކޯޗު ރޫޓެމޫލާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ގޯލްކީޕަރު މަންސޫރު ފަގުރިޔާރު އަށް ތައުރީފްކޮށްފަ އެވެ.

"އަހަރެންގެ ގޯލްކީޕަރުގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނުނު. އޭނާގެ ކިބައިގައި ހުރި ހުރިހާ ފެންވަރެއް މިއަދު ފެނުނު. މެޗަށް ފަހު އޭނާ ކައިރީ އަހަރެން ބުނިން، ކުރިން ނޭނގުނަސް މިހާރު އެއީ މޮޅު ގޯލްކީޕަރެއްކަން އެނގެއޭ،" އޭނާ ބުންޏެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި އަފްޣާނު ދެން ނުކުންނަން ޖެހޭނީ ތުރުކުމެނިސްތާނާއި ދެކޮޅަށެވެ. އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗަށް އަފްޣާނުން ނުކުންނާނީ މާދަމާ ރޭ 9:00ގަ އެވެ.