ދުނިޔޭގެ އެންމެ ބޮޑު ޓޫނާ ކޮންފަރެންސް ކަމަށްވާ "އިންފޮފިޝް ޓޫނާ" ގައި ރާއްޖޭގެ މަސްކުންފުނި ކޫއްޑޫ ފިޝަރީޒް ގެ ފަރާތުން ބައިވެރިވެއްޖެ އެވެ. މި ކޮންފަރެންސް ކުރިޔަށް ދަނީ މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ތައިލޭންޑްގެ ވެރިރަށް ބޭއްކޮކުގަ އެވެ.

ކޫއްޑޫ ފިޝަރީޒްގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ކޮންފަރެންސުގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ، އެ ކުންފުނީގެ ފަރާތުން ތައްޔާރުކޮށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތައް އިތުރަށް އިޝްތިހާރުކުރުމާއި މިހާރު ލިބޭ އަގަށްވުރެ ބޮޑު އަގެއް ހޯދުމަށް މަސައްކަތް ކުރުމެވެ. އެ ގޮތުން މަސް ގަންނަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ އެކު މި ކޮންފަރެންސްގެ ހަވާސާގައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ރާއްޖޭގެ މަސްވެރިކަމާ ގުޅުން ހުރި ކަންކަމަށް އިތުރު ނަފާ ހޯދުމަށް އެ މަޝްވަރާތަކުގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނީގެ ބަޔާނުގައިވެ އެވެ.

މަސްވެރިކަމާ ގުޅުން ހުރި ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކުގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބޮޑެތި ހުރިހާ ކުންފުނިތަކުން ވެސް މި ކޮންފަރެންސްގައި ބައިވެރިވާ ކަމަށް ކޫއްޑޫއިން ބުންޏެވެ.

އޭގެ އިތުރުން މި ކޮންފަރެންސްގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އިތުރުން، ރާއްޖޭގެ މަސްވެރިންގެ ޝުއޫރު ހުރިގޮތް ފާޅުކުރުމަށް ޓަކައި ދިވެހި ކެޔޮޅަކު ވެސް ބައިވެރިވާ ކަމަށް ކޫއްޑޫގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ މަހަށް މިހާރު ލިބޭ އަގަށްވުރެ ބޮޑު އަގެއް މި ކޮންފަރެންސުގެ ސަބަބުން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ކޫއްޑޫއިން ބުންޏެވެ.