21 May 2014, 14:04
ޗައިނާއާއި އިސްރާއީލާއި ދެމެދު އޮންނަނީ އާދަޔާ ޚިލާފަށް ވަރުގަދަ ރަހުމަތްތެރިކަމުގެ ގުޅުމެއް ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން މިހެން ވިދާޅުވެފައި ވަނީ އެގައުމުގެ ބޮޑުވަޒީރުގެ ނައިބު ލިއު ޔާންޑޮން އެވެ. ފަސްދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އޭނާ މިހާރު ވަޑައިގެން ހުންނެވީ އިސްރާއީލުގައެވެ.
"... ދެވަނަ ބޮޑުހަނގުރާމައިގައި ޔަހޫދީންނާ ޗައިނާ މީހުން ދުނިޔޭގެ ފޭސިޒަމް ( ނަސްލީގޮތުން ފަހުރުވެރިވުމުގައި ހައްދުފަހަނައަޅާ ނިޒާމެއް) އާ ހަނގުރާމަ ކުރީ ކޮނޑާއި ކޮނޑު ޖައްސައިގެން ތިބެ. ކަޅު ދުވަސްތަކެއްގައި ތިބީ އެކުގައި، އަދި އާދަޔާ ހިލާފަށް ވަރުގަދަ ރަހުމަތްތެރިކަމުގެ ގުޅުމެއް ވަނީ އުފައްދާފައި، " ތެލްއަވީވްގައި އިސްރާއީލުގެ ރައީސް ސިމޯން ޕެރޭޒްއާ ބައްދަލުކުރެއްވުމަށް ފަހު ލިއު ވިދާޅުވިކަމަށް ޒިންހުއާ ނިއުސް އެޖެންސީ ބުންޏެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ ޓެކްނޮލޮޖީއާއި އީޖާދުކުރުމާއި ތައުލީމާއި ސިއްހަތާއި އިންސާނީ ހިދުތަމަތާއި ސަގާފަތް ފަދަ ދާއިރާތަކުން އިސްރާއީލާ އެކު ގުޅުން ބަދަހިކުރުމަށް ޗައިނާއިން އުއްމީދުކުރާ ކަމަށެވެ.
ޗައިނާއާއި އިސްރާއީލާ ދެމެދު ގުޅުން ބަދަހިކުރުމަށް ގުޅިފައިވާ ކޮމިޓީއެއް އުފެއްދުމުގެ އެއްބަސްވުމެއްގައި ލިއު ސޮއިކުރައްވާފައިވާ ކަމަށް ވެސް ނޫހުގައި ވެއެވެ. ނޫހުގައިވާ ގޮތުން އެއެއްބަސްވުމުގައި އިސްރާއީލުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެގައުމުގެ ބޮޑުވަޒީރު ނަތަންޔާހޫއެވެ.