މީގެ ދެ އަހަރު ކުރިން ފްރާންސްގެ މޮނާކޯގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވި އިޓަލީގެ ކްލައުޑިއޯ ރަނިއޭރީ އެކުލަބުގެ ކޯޗް ކަމުގެ މަގާމުން ވަކިވެއްޖެ އެވެ.

އުމުރުން 62 އަހަރުގެ ކްލައުޑިއޯ ރަނިއޭރީ ކޯޗް ކަމުން ވަކިވެފައިވާ ކަމަށް އެކުލަބުގެ ނައިބު ރައީސް ވަޑިމް ވަސިލްޔެވްހޭސް ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.

މޮނާކޯ ރަސްމީ ވެބްސައިޓްގައި ބުނެފައި ވަނީ ހެޑް ކޯޗް ކަމުގެ މަގާމްގައި ރަނިއޭރީ ހޭދަކުރި ދުވަސް ވަރު ކުލަބަށް ވަރަށް ބޮޑުު ކުރިއެރުމެއް ލިބުނު ކަމަށެވެ. ނަމަވެސް ރަނިއޭރީ ކޯޗް ކަމުން ވަކިވި މައިގަނޑު ސަބަބުތަކެއް މޮނާކޯ ވެބްސައިޓުގައި ބުނެފައެއް ނުވެ އެވެ.

މޮނާކޯގެ ނައިބު ރައީސް އާއި ހަވާލާދީ ފްރާންސްގެ ނޫސްތަކުގައި ބުނެފައި ވަނީ، ރަނިއޭރީ އަކީ މޮޅު ކޯޗެއް ކަމަށާއި އޭނާގެ އިރުޝާދުގެ ދަށުން މޮނާކޯ ވަނީ ޗެމްޕިއަންސް ލީގަށް ވެސް ކޮލިފައިވެފައި ކަމަށެވެ. އެހެން ކަމުން ރަނިއޭރީގެ އަގު ވަޒަންކޮށް އޭނާ އަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރާ ކަމަށް އެކުލަބުގެ ނައިބު ރައީސް ވަޑިމް ވަސިލްޔެވްހޭސް ބުނެފައި ވެ އެވެ.

"ރަނިއޭރީ އަކީ މޮޅުކޯޗެއް. އޭނާ ކުލަބަށް ކޮށްދިން މަސައްކަތައް ޝުކުރު އަދާކުރަން. މި ހޫނު މޫސުމުގައި މޮނާކޯގެ ކޯޗުކަމުގައި ރަނިއޭރީ ނުހުންނާނެ." މޮނާކޯގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.