ދަރުމަވަންތަ ސުކޫލުގެ ތިން ކުލާސް ރޫމެއްގެ ފާރުތަކުގައި ރެނދުލުމުގެ ސަބަބުން އެސުކޫލުގެ ކިޔަވައިދިނުމަށް ބުރޫ އަރައިފި އެވެ.

ދަރުމަވަންތަ ސުކޫލުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ "މި ސްކޫލުގެ ތިން ކްލާސް ރޫމް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި" ކަމަށެވެ. ހަލާކުވެފައި ވަނީ ގްރޭޑް ހަތަރެއްގެ ކުދިން ކިޔަވަން ތިބޭ ތިން ކްލާސް ރޫމުގެ ފާރުތައް ކަމަށާއި އެ ކުދިންނަށް ކިޔަވައިދިނުމަށް ބުރޫ އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ސުކޫލުގެ ގުރޭޑް ހަތަރެއްގެ ކުދިންގެ އެތިން ކުލާހުގެ ފާރުތަކުގައި ވަނީ ވަރަށް ބޮޑަށް ރެނދުލައިފަ އެވެ.

"އަޅުގަނޑުމެން މިވަނީ ގުރޭޑް ހަތަރެއްގެ ކުދިންނަށް ކިޔަވައި ނުދެވިގެން މިއަދުގެ މެންދުރު ފަޅިއަށް އެކުދިންނަށް ކިޔަވައިދިނުމަށް ބަދަލުކޮށްފައި" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައަށް ހައްލެއް ލިބޭނެ ދުވަހެއް ވިދާޅުވާން އަދި ނޭނގޭ ކަމަށާއި އެމައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އެކަމާ ގުޅިގެން އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ދަރުމަވަންތަ ސުކޫލުގެ ފާރުތަކުގައި ރެންދުލައިގެން ކިޔަވައިދިނުމަށް ބުރޫ އަރާފައިވާއިރު "ޓުރޭޑާސް ހޮޓެލް" ހެދިއިރު ވެސް އެފަދަ ގިނަ މައްސަލަތަކެއް ދަރުމަވަންތަ ސުކޫލަށް ވަނީ ދިމާވެފަ އެވެ.