ހދ. ކުމުންދޫ ދޯންޏެއް ރަށުގެ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ބަންޑުން ޖަހާލައި އެ ދޯނިން ދަތުރުކުރި މީހަކަށް އަނިޔާވެއްޖެ އެވެ.

ކުމުންދޫ ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އިއްޔެ މެންދުރު 12:50 އެހާކަންހާއިރު ތިން މީހުންނާ އެކު ވަދާ ނިކުމެ އުޅުމަށް ފަހު ރަށު ފަޅަށް ވަންނަން އުޅެނިކޮށް ނެރު ކައިރިން ދޯނި ބަންޑުން ޖަހާލާފައިވާ ކަމަށެވެ. އަދި އެ ދޯނީގައި އެ ވަގުތު ތިން މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެކަކަށް އަނިޔާވެފައި ވަނީ ދޯނީގެ ބުރަފަތީގައި ޖެހިގެން ކަމަށް އަމީން ވިދާޅުވި އެވެ. ނަމަވެސް އޭނާ އަށް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް އަމީން ވިދާޅުވި އެވެ.

"ދޯނި ބަންޑުން ޖަހާލީ ނެރުން ވަންނަން އުޅެނިކޮން ނެގި ރާޅަކާއި ޖެހި. އޭގައި އެވަގުތު ހުރި މީހަކަށް އަނިޔާވެފައި ވަނީ ދޯނީގެ ބުރަފަތީގައި ޖެހިގެން ކަމަށް ބެލެވެނީ. އޭނާގެ އަތުގެ ދެ ތަނެއް ވަނީ މަށައިގެން ގޮސްފައި. ނަމަވެސް ސީރިއަސް ބޮޑެތި އަނިޔާތަކެއް ނުވޭ،" އަމީން ވިދާޅުވި އެވެ.

އަނިޔާވި މީހާ އަށް ވަނީ އެ ރަށު ސިއްހީ މަރުކަޒުން ފަރުވާދިނުމަށް ފަހު ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުން ވެސް ފަރުވާދީފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މިހާގެ ހާލު މިހާރު ރަނގަޅު ކަމަށް އޭނާ ފާހަގަކުރެއްވެވި އެވެ.

ހުޅަނގު މޫސުމުގައި އެ ރަށުގެ ނެރުން ވަނުމަކީ ދަތި ކަމެއް ކަމަށާއި މީގެ ކުރިން ވެސް ބައެއް ދޯނިތައް ބަންޑުން ޖަހާލައި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ކަމަށް ކުމުންދޫ ކައުންސިލުން ވަނީ ބުނެފަ އެވެ. އަމީން ވިދާޅުވީ އެ ރަށުގެ ނެރު ފުޅާކޮށް ބޭރު ތޮށިގަނޑު ހެދުމަކީ މިހާރުން މިހާރު ވެސް ބޭނުންވާ ހައްލެއް ކަމަށެވެ.