21 May 2014, 13:19
މައިކްރޮސޮފްޓް އިން އެ ކުންފުނީގެ ޓެބްލެޓް ސީރީޒްގެ އައު މޮޑެލް، ސާފަސް ޕްރޯ 3 ދައްކާލައިފިއެވެ.
ވިންޑޮސް 8 އަޅާފައިވާ މި ބްމްލެޓް ގައި 12 އިންޗީގެ ސްކްރީން އެއް ހުރެއެވެ. އަދި ހަރުކޮށްލާ ނައްޓާލެވޭގޮތައް ހުންނަ “ޓައިޕް ކަވަރ” ކީބޯޑް އަކާ އެކު، މައިކްރޮސޮފްޓް އިން ސާފަސް ޕްރޯ 3އިޝްތިހާރު ކުރަނީ ޓެބްލެޓްއެއްގެ ބަދަލުގައި ބޭނުންކުރެވިދާނެ ޓެބްލެޓްއެއްގެ ގޮތުގައެވެ.
ބަރުދަނުގައި އެންމެ 0.8 ކިލޯގްރާމް، އަދިބޯ މިނުގައި 9.1 މިލިމީޓަރު ހުންނަ ސާފަސް ޕްރޯ 3 އަކީއިންޓެލް ޗިޕްއެއް ހަރުކޮށް މިހާތަނަށް ބާޒާރަށް ނެރުނު އެންމެ ތުނި ޓެބްލެޓްއެވެ. މި ޓެބްލެޓްގެ ބެޓަރީ 9 ގަޑިއިރު ހިފަހައްޓާނެކަމަށްވެސް މައިކްރޮސޮފްޓްއިން ބުނެއެވެ.
ސާފަސް ޕްރޯ 3 ގެ ފަހަތުގައި ހަރުކޮށްފައި ހުންނަ ސްޓެންޑް އެއްގެ އެހީގައި މޭޒުމަތީގައި ޓެބްލެޓް ބައިންދާލެވެއެވެ. 150 ޑިގްރީ އަށް ތިރިކޮށްލެވޭ ގޮތަށް ހުންނަ މި ސްޓޭންޑް ގެ ސަބަބުން ކޮޅަށް ހުރެގެން ވެސް ޓެބްލެޓް އިން ފެންނަ އަކުރުތައް ކިޔާކަށް އުނދަގުލެއް ނުވާނެއެވެ.
ސާފަސް ޕްރޯ 3 އަކާ އެކު “ޕެން” އެއް، ނުވަތަ ޓެބްލެޓްގައި ލިޔެވޭ ގަލަމެއް ވެސް ލިބެއެވެ. މިއީ އެހެން ޓެބްލެޓްތަކުގައި ހުންނަ“ސްޓައިލްސް” އެއް ނޫން ކަމަށް މައިކްރޮސޮފްޓް އިން ބުނެއެވެ. މި ޕެން ފަރުމާކޮށްފައި ވާނީ އާދައިގެ ގަލަމެއްގެ ބަރުދަނާ އެއްގޮތަށް، ޓެބްލެޓެގައި ލިޔަމުން ދާއިރު އެއްވެސް ޑިލޭ އެއް ނުވަތަ ލަސްކަމެއް ނާންނާނެހެން ކަމަށް މައިކްރޮސޮފްޓް އިން ބުނެއެވެ.
ޕެން ގެ މަތީގައި ވާ ފިތަކަށް އޮބާލުމުން ޓެބްލެޓްގެ ސްކްރީން ހުޅުވުމަށް ފަހު ނޯޓް ނެގުމަށް ބޭނުންކުރާ ވަންނޯޓް އެޕްލިކޭޝަން ހުޅުވެއެވެ. އަދި ވަންނޯޓްގައި ލިޔާ ނޯޓްތައް ކްލައުޑް ސްޓޯރޭޖްގައި ރައްކާކޮށްލަން، ނުވަތަ އެހެން މީހަކަށް ފޮނުވާލަން ބޭނުންނަމަ، ޕެންގައި ވާ ބަޓަން ބޭނުންކޮށްގެން އެކަންކަންވެސް ކުރެވެއެވެ.
މައިކްރޮސޮފްޓް އިން ސާފަސް ޕްރޯ ސީރީޒްގެ ޓެބްލްޓްތައް އަމާއްޒުކުރީ ވިޔަފާރި ވެރިންނާ އުންފުނިތަކުގެ ވެރިން ބޭނުންކުރުމަށެވެ. ނަމަވެސް އިންޓަނޭޝަނަލް ޑޭޓާ ކޯޕަރޭޝަން (އައިޑީސީ) އިން ބުނިގޮތުގައި އެޕަލް، ސެމްސަންގް، އަސުސް އަދި ލެނޯވޯ ފަދަ ކުންފުނިތަކުން ވަނީ ޓެބްލެޓް ގެ ޕްރޮފެޝަނަލް ކަސްޓަމަރުންގެ ބާޒާރުގައި މައިކްރޮސޮފްޓް އަށް ވުރެ ކުރިހޯދާފައެވެ.
އައިޑީސީ އިން ބުނިގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މައިކްރޮސޮފްޓްގެ ސާފަސް ސީރީޒްއިން ވިކިފައިވަނީ ގާތްތަނޑަކަށް 640،000 ޓެބްލެޓެވެ. މިއީ ދުނިޔޭގެ ޓެބްލެޓް ބާޒާރުގެ 1.5 އިންސައްތައެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަ ތިން މަސް ދުވަހާ އަޅާ ބަލާއިރު 0.3 އިންސައްތަ ދަށް އަދަކެވެ.
ނަމަވެސް މައިކްރޮސޮފްޓްއިން ސާފަސް ޕްރޯ 3 އިޝްތިހާރު ކުރަނީ ލެޕްޓޮޕްގެ ބަދަލުގައި ބޭނުންކުރެވިދާނެ ޓެބްލެޓްއެއްގެ ގޮތުގައެވެ. އަދި އެހެން ޓެބްލެޓްތަކާ އަޅާ ކިއުމުގެ ބަދަލުގައި، މައިކްރޮސޮފްޓްއިން ސާފަސް ޕްރޯ 3 އަޅާ ކިޔަނީ އެޕަލްގެ މެކްބުކް އެއާ ފަދަ ލެޕްޓޮޕްތަކާ އެވެ.
ސާފަސް ޕްރޯ 3 ބާޒާރަށް ނުކުންނާނީ 799 ޑޮލަރަށެވެ. އަދި އެޕަލްގެ މެކްބުކް އެއާ ގެ އެންމެ އަގު ހެޔޮ ލެޕްޓޮލް މިހާރު އުޅެނީ 899 ޑޮލަރަށެވެ.
https://www.youtube.com/watch?v=1t7rSZT_77E