21 May 2014, 13:19
މިހާރު ކުރިއަށްދާ އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖެއާ ދެކޮޅަށް ކިރްގިސްތާން މިރޭ ނުކުންނާނީ ވަރުގަދަ އެޓޭކިން ގޭމެއް ކުޅޭން ކަމަށް އެޓީމުގެ ކޯޗު ސަރުގީ ޑްވޮރިއަންކޯފް ބުނެފި އެވެ.
ގްރޫޕް ސްޓޭޖްގައި ކިރްގިސްތާން ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން އަތުން އެޓީމު ބަލިވީ މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި ފަލަސްތީންގެ އަބްދުލް ހާމިދު ޖަހައިދިން ލަނޑާއެކު 1-0 އިންނެވެ. އެމެޗަށް ފަހަރު ކިރްގިސްތާން ކޯޗު ބުނީ، ފަލަސްތީން މޮޅުވީ ނަސީބު ރަނގަޅު ކަމުން ކަމަށާއި އަދި އެމެޗުގެ ނަތީޖާ ނުކުތްގޮތުން އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖޭގެ ގައުމީ ޓީމަށް ކަމަށެވެ.
"އަަހަރެމެން އަބަދުވެސް އިހްތިޔާރު ކުރަނީ އެޓޭކިން ފޯމޭޝަނެއް. ފަލަސްތީން އަތުން ބަލިވުމުން އަހަރެމެން ކުރިއަށް އޮތް ދެމެޗުގައި އެޓޭކިން އަދި މާބޮޑަށް ވަރުގަދަ ކުރާނަން،" ޑްވޮރިއަންކޯފް ބުންޏެވެ.
ކިރްގިސްތާން ކޯޗު ބުނީ، މުބާރާތުގައި ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު ފަލަސްތީނު އަތުން އޭނާގެ ޓީމު މޮޅުވި ނަމަ ރާއްޖެއަށް ރަނގަޅުވީސް ކަމަށެވެ.
"މި މެޗުގެ ނަތީޖާ ނުކުތް ގޮތުން ރާއްޖެއާ ދެކޮޅަށް އަހަރެމެން ނުކުންނާނީ ވަރަށް ވަރުގަދައަށް ތައްޔާރުވެގެން. ކުރިއަށް ވުރެ ބޮޑަށް އެޓޭކިންއަށް އިސްކަން ދީގެން. އެހެން ކަމުން ރާއްޖެ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ،" ފަލަސްތީނާ ދެކޮޅަށް ކުޅެ ބަލިވި މެޗަށްފަހު ކިރްގިސްތާން ކޯޗު ބުންޏެވެ.
ރާއްޖެއާއި ކިރްގިސްތާން މީގެ ކުރިން ތިން ފަހަރު ވާދަކޮށްފައި ވާ އިރު، ރާއްޖެ މޮޅުވީ އެއްފަހަރު އެވެ. އަނެއް ދެފަހަރުވެސް މޮޅުވީ ކިރްގިސްތާނެވެ. އެގޮތުން 1997ގައި ދެފަހަ މި ދެޓީމު ވާދަކުރި އިރު، ފުރަތަމަ މެޗުން ކިރްގިސްތާން މޮޅުވީ 3-0 އިންނެވެ. އަދި ދެވަނަ މެޗުން ކިރްގިސްތާން މޮޅުވީ، 6-0 އިންނެވެ. 2011 ވަނަ އަހަރު މާލޭގައި މި ދެޓީމު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 2-1 އިންނެވެ.
މިފަހަރުގެ މުބާރާތުގައި މި ދެޓީމު ކުޅުނު ފުރަތަމަ މެޗުން ދެޓީމުވެސް ބަލިވެފައި ވާ އިރު، މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް މިރޭގެ މެޗުން މޮޅުވުން ދެ ޓީމަށް ވެސް ވަރަށް މުހިއްމުވާނެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކިރްގިސްތާން ކުޅޭ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ، މިރޭ 9:00ގައެވެ.