31 Dec 2010, 09:05
އެންމެބޮޑު އިދިކޮޅު ޕާޓީ ކަމުގައިވާ ޑީއާރޕީގެ އެންމެ އެތެރޭގައި ރެނދުލައި، ރޫޅި ފުނޑުފުނޑު ވަމުންދާ ވާހަކައަކީ ރާއްޖޭގެ ސިޔާސީ މަސްރަޙްގެ މިވަގުތުގެ ފަލަ ސުރުޚީއެވެ. ފުނޑުފުނޑު ވަމުން އަދި މުޅިން ދިޔަކަމުގައި ނުވިޔަސް، އެތެރޭގައި ލަމުންދިޔަ ރެނދުތައް ބޮޑެތިވެ، ޕާޓީރޫޅެމުންދާތަން، އޮޅުމެއްނެތި މިދަނީ ފެންނަމުންނެވެ.
ރިޔާސީ އިންތިޚާބު އައުމަށް އަހަރުތަކެއް އޮއްވާ، އަމުދުން ލޯކަލް ކައުންސިލް އިންތިޚާބު އިއުލާނުކުރެވި، ކެމްޕޭން ފެށިގެންދާ މިދުވަސްވަރު، ސަރުކާރު ހިންގާ އެމްޑީޕީ އަށް ގޮންޖެހެން އޮތްކަމަށް ގިނަބަޔަކުދެކޭ ހަމައެކަނި ޕާޓީގެ ލީޑަރޝިޕް ހަމައަށް ދެބައިވެ، ފޭވަމުންދާ ދިއުމާއިމެދު ސުވާލު ނުއުފެދޭންވީ ސަބަބެއްވެސް ނެތެވެ.
ރުހުން ނުލިބުނު ވަޒީރުންގެ މައްސަލައާއި، ބަޖެޓްގެ މައްސަލަ، މާލިއްޔަތު ޤާނޫނު ގެޒެޓް ނުކޮށް އޮތް މައްސަލައާއި، ކައުންސިލަރުންގެ މައްސަލަ ފަދަ މުޅި ޤައުމުގެ މަސްލަހަތުތަކާއި ގުޅިފައިވާ ކަންކަމަށްވުރެ "ޑީއާރޕީ ގެ ރޫޅުން" މަޝްހޫރުވެގެން އުޅެނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ހިތުހުރި ގޮތަކަށް ކުރަމުންދާ އެމްޑީޕީގެ "ވެރިކަން" ކޮންޓްރޯލް ކުރެވޭނެ އެހެން ސިޔާސީ ބާރެއް ރާއްޖޭގައި އޮތްކަމަށް ގިނަމީހުން ޤަބޫލުނުކުރުމަކީ އެކަމުގެ އެންމެބޮޑު ސަބަބެވެ.
ޙަޤީޤަތުގައިވެސް ޑީއާރުޕީ ރޫޅެނީހެއްޔެވެ؟ ވެރިކަން ގެއްލި އެންމެ ދެ އަހަރު ވީއިރަށް، ޤައުމުގެ ސިޔާސީ މަސްރަހަށް ނުފޫޒެއް ފޯރުވޭވަރު ނުވާތާނގާ، "އަމިއްލަފުޅު ޕާޓީ" ގެ ކޮންޓްރޯލުވެސް ޒަޢީމުގެ އަތްޕުޅުން ބީވީ ހެއްޔެވެ؟ ޒަޢީމުގެ ތާއީދު ތަސްމީނަށް ހަމަ ނެތީހެއްޔެވެ؟ ތަސްމީނާއި، ޝާހިދު "ރިޝްވަތު ހިފަން" ފެށީ ހެއްޔެވެ؟ ސިފައިންގެއިން ނުކުތް ޢުމަރު "ކުލީ ސިފައިންގެ" ޚިދުމަތް ދޭން ފެށީހެއްޔެވެ؟ "ޔާމީންގެ ޕްލޭން" ތަމްފީޒުވާން ފެށީ ހެއްޔެވެ؟ ނުވަތަ އެމްޑީޕީ ގެ ރޭވުން ހަމަ މޮޅީ ހެއްޔެވެ. މިހިރީ ހައްތަހާވެސް ސުވާލެވެ. ޖަވާބު ބޭނުންވާ ސުވާލެވެ.
މި ސުވާލުތަކުގެ ޖަވާބު އެމީހަކު ދޭނެގޮތަކަށް ދޭންވީއެވެ. ފެންނަ މަންޒަރުތަކުން އުއްމީދު އާވެ، ހިތްވަރު ލިބިގަންނާނެ ބަޔަކު ހިތްވަރު ލިބިގަންނަންވީއެވެ. ނާއުއްމީދުވެ މާޔޫސްވާނެ ބަޔަކު މާޔޫސް ވާންވީއެވެ. ހިތްވަރު ލިބެމުން، މާޔޫސްވަމުން ދިއުމަކީ އަބަދުވެސް ދުނިޔޭގެ ސުންނަތެވެ.
އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ޑީއާރުޕީގެ ރޫޅުމަކީ މިވަގުތަށް އެހާ މުހިންމު މައްސަލައެއް ނޫނެވެ. ކޮންމެ ބަޔަކު އަޑީގައި ތިބެގެން ކޮންމެ ގޮތަކަށް ހިންގަމުންދާ ކަމަކަށްވިޔަސް، ޑީއާރުޕީއަށް ލިބޭނެ މާބޮޑު ގެއްލުމެއް ނުވަތަ އެމްޑީޕީއަށްލިބޭނެ މާބޮޑު ފައިދާއެއް އެކަމުގައި އޮތްކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. މައިގަނޑު ދެ ސަބަބަކަށް ޓަކައެވެ. އެއްސަބަބަކީ ބޮޑު ދެ ޕާޓީ ގެ ވިސްނުމާއި ފިކުރު ތަފާތުވުމާއި ދުރުވުމެވެ. އަނެއް ސަބަބަކީ ވަގުތާއި ޙާލަތުގެ ފައިދާ ނެގޭފަދަ ޤާބިލްކަން، ލީޑަރޝިޕްގެ ގޮތުންވެސް އަދި ރޭވުންތެރިކަމުގެ ގޮތުންވެސް ދެ ޕާޓީގައިވެސް ނެތުމެވެ.
"ޑީއާރުޕީގެ ރޫޅުން" ރަމްޒުކޮށްދޭ ބައެއް އަންދާޒާތަކަށް ބަލާލާއިރު، ޕާޓީއަކަށް ލިބިދާނެ ފައިދާއާއި ގެއްލުމަށްވުރެ، ސިޔާސީ ބައެއް ލީޑަރުންނަށް ހުޅުވިގެންދާނެ ފުރުޞަތު ތަކަށާއި، ކުރިމަތިވެދާނެ ގޮންޖެހުންތައް މާބޮޑަށްވެސް ޝަޢުޤުވެރިއެވެ.
މައުމޫން ޢަބުދުލް ޤައްޔޫމް
ޢުމަރު ވަކިކުރުމުގެ މައްސަލާގައި މައުމޫނު ދެއްވިބަޔާނަށް ބަލާއިރު، ސިޔާސީ މަސްރަހުން ދުރަށް ވަޑައިގެން ހުންނެވި ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި "ދަނޑިވަޅަކަށް" ބައްލަވަން ހުންނެވިކަން ދޭހަވުމުގެ އިތުރަށް އުމަރުގެ "ޑްރާމާ" އަކީ މައުމޫނަށް ނުވަތަ މައުމޫނު ބޭނުންފުޅުވާ އެހެން ބޭފުޅަކަށް ދަނޑިވަޅެއް ހޯދައިދިނުމުގެ ރޭވުމެއްގެ ތެރޭން ހިނގާކަމެއް ކަމުގައި ދުށުމުގެ ފުރުޞަތު ތަނަވަސް ވެއެވެ.
މައުމޫނުގެ "އިޝާރާތް" ޑީއާރުޕީގެ ލީޑަރޝިޕަށް ނުފެނުމުގެ އިތުރަށް، ދެއްވި ބަޔާނަށް ފާޅުގައި ފާޑުކިޔާ، ރައްދު ދެވުނުކަން އެއީ ޤައުމުގެ ސިޔާސީ މަސްރަހުން، މި ދެއަހަރުގެ ތެރޭގައި ފެނުނު އެންމެބޮޑު ބަދަލެވެ. އަދި ޕާޓީގެ ލީޑަރޝިޕުން ޒަޢީމަށް ރައްދު ދިނުމުންވެސް، ޕާޓީގެ މެމްބަރުން ޒަޢީމަށް ތާއީދުކުރުމުގެ ގޮތުން "އެއްކަމެއްވެސް ނުކޮށް" ތިބިތިބުމާއި، ޞުލްޙައަށްއެދި ތަސްމީނަށް އުމަރު ފޮނުވި މެސެޖު އެއީ މި ދެއަހަރުގެ އެންމެބޮޑު ދެ އަރަތެވެ. އެކަމަކު މައުމޫނަކީ ޑީއާރުޕީ ކަމުގައި މެމްބަރުން މިހާރު ނުދެކޭކަން އެކަންކަމުން ދޭހަވެއެވެ. މައުމޫނަށް ކުރިމަތިވި ގޮންޖެހުމަކަށް އެކަން ވިޔަސް، ޤައުމުގެ ނިސްބަތުގައި އެއީ ހެޔޮ ބަދަލެކެވެ.
އަޙްމަދު ތަސްމީނު ޢަލީ
އުމަރުގެ މަސައްކަތުން ނަމަވެސް ތަސްމީނުގެ ގޮތްފާޑު ބަދަލުވީތަން ފެނިގެން ހިނގައްޖެއެވެ. ސިޔާސީ ތަޖުރިބާހުރި، ވިސްނުންތޫނު އަދި ހިތްވަރުގަދަ ރޭވުންތެރިންނާއި ވާގިވެރިން، ތަސްމީނުގެ ފަހަތުގައި ތިބިކަމާއިމެދަކު ޝައްކެއްނެތެވެ. ބިލިޔަނެއްހާ ރުފިޔާގެ ދަރަންޏާއި، އެއާއި ވަރުންއެޅޭހާވަރުގެ ބޭޒާރު ބޮލުއަޅަންޖެހުނީ ޕާޓީގެ ޙައްޤުގައި ކަމަށްވާއިރު، އެކަން ދަންނަ މީހުން ޕާޓީ ގައިވެސް ތިބިކަންއެއީ ތަސްމީނަށް ލިބުނު ހިތްވަރެކެވެ. ހިފުމަކާއިނުލައި ބަލި ގަބޫލު ނުކުރާނެކަން ދައްކައިދިނުމަކީ ތަސްމީނުގެ އުރައްޕު ފެނިގެންދިޔަ ކަމެކެވެ. މިހާތަނަށް ތަސްމީނަށް ކުރިމަތިވި އެންމެބޮޑު ގޮންޖެހުމަށް މިކަން ވިޔަސް، އަޅުގަނޑުގެ ނަޒަރުގައި، ޤައުމުގެ ނިސްބަތުގައި މިއީވެސް ހެޔޮ ބަދަލެކެވެ.
މުޙައްމަދު ނަޝީދު (އައްނި)
ޤާނޫނު އަސާސީ ބުނާގޮތުން، ރައީސުލް ޖުމްހޫރިއްޔާ އަކަށް އިންތިޚާބު ކުރާ މީހެއްގައި 7 ޝަރުޠެއް ހުންނާން ޖެހެއެވެ. ނަމަވެސް ނަޝީދު (އަދި އެހެން ރައީސުންވެސް) އިންތިޚާބު ކުރެވުނީ އެ ހުރިހާ ޝަރުޠެއް ފުރިހަމަވޭތޯ ބެލުމަކާއި ނުލައި ކަމަށްވާތީ، ނަޝީދަކީ ރައީސް ކަމާއިމެދަކު ސުވާލެއް ނުއުފެދެއެވެ. އަމުދުން ޝަރުތު ހަމަވޭތޯ ބެލުމަކީ އިލެކްޝަން ކޮމިޝަންގެ ކަމަކަށްވާއިރު، އެކަމުގެ ޒިންމާ ނަޝީދު ނަންގަވާކަށް ނުޖެހެއެވެ.
ވަގުތާއި ޙާލަތާއިއެކު އުފެދިގެން އަންނަ ތަފާތު ކަންކަމާ ކުރިމަތި ލެއްވުމުގައި، އާއްމުންގެ ބުއްދިތަކަށް ވިސްނައިގަންނަން އުނދަގޫ ގޮތްގޮތަށް ޢާއްމު ގޮތެއްގައި އަމަލުތައް ބަހައްޓަވާ ނަޝީދު، މިމައްސަލާގައި ކަންކުރައްވަމުން އަދިގެންދަވާ ގޮތުން އެމަނިފާނަކީ "ހަމަ ބުއްދި ފިލާ ހުރި މީހެއް" ކަން އެގެންދަވަނީ ސާބިތުކޮށް ދެއްވަމުންނެވެ. އެހެންކަމުން ނަޝީދުގެ ބުއްދި ކާމިލްވަމުން ދާކަން އެނގުން އެއީވެސް ރައްޔިތުންނަށް ލިބުނު ހިތްހަމަ ޖެހުމެކެވެ.
ޤާސިމް އިބުރާހީމް
ޤާސިމް އިބުރާހިމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގެ އެންމެ "ސޮލިޑް" ލީޑަރެވެ. ވެރިކަމަށް އަމާޒު ހިފައިގެންތިބި އެންމެންވެސް، ޤާސިމްގެ ޙަރަކާތްތައް ވަރަށް ގާތުން ބަލަމުން ގެންދެއެވެ. ވެރިކަން ބޭނުންނަމަ ޤާސިމްގެ އެހީ ބޭނުންވާނެކަމުގައި ހުރިހާ ލީޑަރުންވެސް ޤަބޫލުކުރެއެވެ. ސިޔާސީ ކުރިމަގުގެ ވަކި އަމާޒެއް ހިފައިފިކަމުގެ މާބޮޑު އަލާމާތެއް އަދި ހާމަނުކުރައްވާ ހުންނެވި ނަމަވެސް، ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން ކޮންޓްރޯލް ކުރެއްވުމުގެ ޤާބިލްކަން އެންމެބޮޑު އެއް ބޭފުޅަކީ ޤާސިމްއެވެ. ޤާނޫނު އަސާސީ ނިންމުމުގައި ދެއްކެވި ލީޑަރޝިޕުން އެކަނިވެސް އެކަން ހާމަވެއެވެ.
ޑީއާރުޕީގެ ރޫޅުން ހުއްޓުވުމުގެ މަސައްކަތް ކުރައްވާނެކަމުގެ ނުސީދާ އިޝާރާތެއް މިހާރުވެސް ކުރައްވާފައިވާ ޤާސިމް ބެލެވެނީ، ޑީއާރުޕީގެ ރޫޅުމުން އެންމެބޮޑު މަންފާއެއް ލިބޭނެ އެއް ފަރާތްކަމުގައެވެ.
ޢަބުދުﷲ ޔާމީން
ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި، ޑީއާރޕީގެ ހެލުން ގަނޑުގެ އަސްލަކީ ޔާމީނެވެ. މައުމޫނުވެސް ހިމެނިގެން ރޭވިފައިވަ ރޭވުމަކަށް ވިޔަސް ނުވިޔަސް، ޔާމީނުގެ "އަތެއް" މިކަމުގައި ވާކަމަށް ބެލުމުގެ ޖާގައެބައޮތެވެ. އެހެންކަމުން، މިކަމުގެ ފައިދާ އެންމެބޮޑަށް ނަގާނެ ފަރާތެއްކަމަށް ބެލެވެނީ ޔާމީނެވެ. ޚާއްޞަކޮށް، ޤާސިމް އިބުރާހިމް ނުވަތަ ޑރ. ޙަސަން ސަޢީދު ފަދަ ބޭފުޅަކު ތަސްމީނާއި އުމަރު ޞުލްޙަކުރުމުގެ ސީރިޔަސް މަސައްކަތްތަކެއް ނުކުރައްވައިފި ނަމައެވެ.
ރާއްޖޭގެ އެންމެ "ސްމާރޓް" ސިޔާސީ ލީޑަރުގެ ގޮތުގައި ބެލެވޭ ޔާމީން ނަންގަވާނީ ކޮންފައިދާ ތަކެއްކަން ބުނަންނޭގުނަސް، ޔަޤީންވާ ކަމަކީ، ޑީއާރޕީގެ ރޫޅުމުން ހުޅުވިގެންދާނެ ފުރުޞަތު ތަކުގެ ތެރެއިން ބޮޑުފައިދާއެއް ހޯއްދަވާނެ އެއްބޭފުޅަކީ ޔާމީން ކަމެވެ. އެ ރޫޅުމުގެ އަސްލަކީ ޔާމީން ކަމަށް ވުމާއި ނުވުން އަދިއެއީ އެހެން ކަމެކެވެ.