އައްޑޫ ސިޓީ އިން: އަލީ ރިފްޝާން

އޭއެފްސީ ޗެލެންޖް ކަޕުގައި އެންމެ ފަހުގެ ރަނަރަޕް ތުރުކުމެނިސްތާނުގެ ޓާގެޓަކީ މުބާރާތް ކާމިޔާބުކުރުން ކަމުގައި އެ ޓީމުގެ ކޯޗު ރަހީމް ކުރްބަންމަމެޑޯފް ބުނެފި އެވެ.

މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ތުރުކުމެނިސްތާނުގެ ކޯޗު ބުނީ، 5-1 ލަނޑުން ލާއޯސް ބަލިކުރި މެޗުގައި ދެއްކި ކުޅުމަކީ ތުރުކުމެނިސްތާނުގެ އެންމެ ރަނގަޅު ކުޅުން ނޫން ކަމަށެވެ.

"ކުރިއަށް ހުރި މެޗުތަކުގައި އަހަރެމެން އިތުރަށް ރަނގަޅު ކުޅުމެއް ދައްކާނަން. އަހަރެމެންގެ ޓާގެޓަކީ މުބާރާތް ކާމިޔާބުކުރުން. މިއީ އަހަރެމެންގެ އެންމެ ރަނގަޅު ކުޅުމެއް ނޫން. ނަމަވެސް އެންމެ މުހިންމީ ނަތީޖާ. ފުރަތަމަ މެޗަކީ އަބަދުވެސް އެންމެ އުނދަގޫ މެޗު. ލާއޯސް އިން ލަނޑު ޖެހުމުން ހިތާމަކުރިން. ނަމަވެސް ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ،" ކުރްބަންމަމެޑޯފް ބުންޏެވެ.

ތުރުކުމެނިސްތާނު ކޯޗު ބުނީ، ކުޅުންތެރިންގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ނުފެނުމުގެ ސަބަބަކީ ކޮބައިކަން އޭނާ އަށް ނޭނގޭ ކަމަށާއި ނަތީޖާއާ މެޗު ހިތްހަމަނުޖެހޭ ކަމަށެވެ.

"އަހަރެމެންނަށް އިތުރަށް ރަނގަޅު ކުޅުމެއް ދެއްކޭނެ. އަހަރެންނަކަށް ނޭނގޭ ކުޅުންތެރިންގެ އެންމެ ރަނގަޅު ކުޅުން ނުދެއްކުނީ ކީތްވެ ކަމެއް. ނަތީޖާއާ މެޗު ހިތްހަމައެއް ނުޖެހޭ. ފަހަތުން އަރައި މޮޅުވުމަކީ ލިބުނު ކާމިޔާބެއް،" އޭނާ ބުންޏެވެ.

ޗެލެންޖް ކަޕުގައި ތުރުކުމެނިސްތާނު ދެން ނުކުންނާނީ ސާފް ޗެމްޕިއަން އަފްޣާނިސްތާނާއި ދެކޮޅަށެވެ. އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ މިމެޗަށް ތުރުކުމެނިސްތާނު ނުކުންނާނީ މާދާމާ ރޭ 9:00ގަ އެވެ.