21 May 2014, 13:07
މާފުށީ ޖަލުގައި ހުޅުޖެހި މައްސަލައިގެ ދެވަނަ އަޑުއެހުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވިތާ ތިން އަހަރު ފަހުން ބާއްވައިފި އެވެ.
ދެހާސް ނުވަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު މާފުށީ ޖަލުގައި ހުޅުޖެހި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލި ފަސް މީހުންގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
އެ މައްސަލައާ ގުޅިގެން ދައުވާ ކޮށްފައި ވަނީ ކ. ގާފަރު ދިގަލި، އަބްދުﷲ މުންޒިރު އާއި ތ. ތިމަރަފުށީ އަނޯނާގޭ އަބްދުﷲ ޒަކީ އާއި ލ. އިސްދޫ ސްވީޓްހާޓު އަހްމަދު ސިރާޖުގެ އިތުރުން މ. ރީފްސައިޑުގޭ އަބްދުﷲ ވާހިދުގެ މައްޗަށެވެ.
މާފުށީ ޖަލުގެ ޔުނިޓެއްގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން އެތަނުގެ ތެރެއަށް ވަދެ ބެރެކްސް ތެރޭގައި ހުރި ގޮދަނޑިތައް ބެރެކްސް ތެރެއަށް އަޅާލުމަށްފަހު އެތަކެތީގައި އަލިފާން ރޯކޮށްލުމުން އަލިފާންގަނޑު މުޅިތަނަށް ފެތުރި ޖަލުގެ ބޮޑުބައެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
އެ މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު ބޭއްވި އިރު، ޝަރީއަތަށް ހާޒިރުކުރެވިފައި ވަނީ އެމީހުންގެ ތެރެއިން މިހާރުވެސް ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ މީހުން ކަމަށްވާ މުންޒިރާއި ޒަކީގެ އިތުރުން ވާހިދު އެވެ.
ތިން އަހަރު ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އެމީހުންނަށް ދިން ނަމަވެސް އެއްވެސް މީހަކު ވަކީލަކު ހަމަޖައްސާފައެއް ނުވެއެވެ.
އެ މީހުން ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ނުލިބޭތީ ޖަލުގައި ތިބެގެން ވަކީލަކު ހަމަޖެއްސުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
ގާޒީ މުހުތާޒު ފަހުމީ ވިދާޅުވީ، ވަކީލަކު ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ލިޔުމުން އަންގާނެ ކަމަށެވެ. އަދި ވަކީލަކު ހަމަޖެއްސުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ގާޒީ ވަނީ އެމީހުންނަށް އަންގާފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ މުހުތާޒު ފަހުމީ ވިދާޅުވީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނީ އެމީހުންގެ ތެރެއިން ވަކީލުން ހަމަޖެއްސުމުން ކަމަށެވެ.