އޭއެފްސީ ޗެލެންޖު ކަޕުގައި ކިރްގިސްތާނާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ރާއްޖޭގެ ގައުމީ ޓީމު މިރޭ ކުޅޭ މެޗުގެ ޝަރަފުވެރިމެހެމާން ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ދަނޑަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިއީ އެ ދެ ބޭފުޅުން އާންމުތަނެއްގައި މިގޮތަށް ބައްދަލުވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ދެ ބޭފުޅުން ބައްދަލުވެފައި ވަނީ ނޮވެމްބަރު 17، 2013 ގައި ދަރުބާރުގޭގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ޔާމިން ކުރެއްވި ރަސްމިއްޔާތުގަ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފަހު ބުރުގެ ދެ ވާދަވެރިން މިރޭގެ މެޗު ބައްލަވަން ތިއްބަވާނީ ކައިރިކައިރީގަ އެވެ. އެ ދެ ބޭފުޅުންގެ އަރިހުގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ބައެއް މިނިސްޓަރުން ތިއްބަވާނެ ކަމަށް ރައީސް އޮފީހުގެ ސުޕޯކްސް ޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވި އެވެ.

މިރޭގެ މެޗަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަޑައިގަންނަވާނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. މިދިޔަ ހޯމަ ދުވަހު ރާއްޖެ ކުޅުނު މެޗުގެ ޝަރަފުވެރި މެހެމާނަކީ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. އެ ދުވަހު ރައީސް މައުމޫންގެ އަރިހުގައި ރައީސް ޔާމީން ވެސް އިންނެވި އެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ފަލަސްތީނާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ޝަފަރުވެރި މެެހެމާނަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެ މެޗަށް ވެސް ރައީސް ޔާމިން ވަޑައިގަންނަވާނެ ކަމަށް ޝެޑިއުލްކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.