އޭއެފްސީ ޗެލެންޖް ކަޕުގައި ތުރުކުމެނިސްތާނު އަތުން ލާއޯސް ބަލިވުމުން އެ ޓީމުގެ ކޯޗު ނޯރިއޯ ސުކިޓާޓޭގެ ވިސްނުން ސުމަކަށް ގޮސްފައިވާ ކަމުގައި އޭނާ ބުނެފި އެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ތުރުކުމެނިސްތާނު މޮޮޅުވީ، ލާއޯސް ލަނޑެއް ޖަހައިފައި ވަނިކޮށެވެ. މެޗުގެ ފުރަތަމަ ހާފު 1-1 ލަނޑުން އެއްވަރުވެގެން ނިމުނު ނަމަވެސް، މެޗުގެ ފުރަތަމަ ވަގުތު ހަމަވިއިރު، 5-1 ލަނޑުން ކުރީގައި އޮތީ އެންމެ ފަހުގެ ރަނަރަޕް ތުރުކުމެނިސްތާނެވެ.

"އަހަރެންނަށް އިތުރު އެއްވެސް ކަމަކާ މެދު ވިސްނޭކަށް ނެތް. މި މެޗުން ބަލިވުމުން އަހަރެންގެ ބޯ މިހިރީ މުޅިން ގޮވާފަ. މިއަށްވުރެ ރަނގަޅު ކުޅުމެއް އެ ކުޅުންތެރިންނަށް ދެއްކޭނެ. އަހަރެމެންގެ ފަރާތުން ގިނަ ކުށްތަކެއް ތަކުރާރުވި. އަހަރެމެން ބަލިވެގެން ދިޔައީ އެހެންވެ. އަހަރެމެން އެބަ ޖެހޭ ރަނގަޅަށް އެޓޭކްކޮށް، ފުރުސަތު ހޯދަން. ކުޅުންތެރިންނަށް އިތުރު ތަމްރީނު ބޭނުންވޭ،" މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޯރިއޯ ބުންޏެވެ.

ލާއޯސް ކޯޗު ބުނީ، މުޅި މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ ހެދުނު އެންމެ ކުށަކުން ކަމަށާއި އެ ކުށަށް ފަހު، ކުޅުންތެރިން ގެންގުޅުނީ މުޅިން އިދިކޮޅު ވިސްނުމެއް ކަމަށެވެ.

"ފުރަތަމަ ހާފުގައި ކުޅުންތެރިންގެ ފަރާތުން ފެނުނީ އެންމެ ކުށެއް. ކުޅުންތެރިންގެ ހިތްވަރު ނެތީމަަ ވީގޮތެއްހެން އަހަރެންނަށް ހީވަނީ. މުޅި މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ ހެދުނު އެންމެ ކުށަކުން. އެއަށްފަހު، އަހަރެން ކުޅުންތެރިން ކައިރީ ބުނިން މެޗުގެ ކޮންޓްރޯލް އަލުން ހޯދާށޭ. އަހަރެމެންގެ މައްސަލައަކީ ގޯހެއް ހެދުމަށް ފަހު، މުޅިން އިދިކޮޅު ވިސްނުމެއް ގެންގުޅުން،" އޭނާ ބުންޏެވެ.

ނޯރިއޯ ބުނީ، ފުރަތަމަ ހާފުގައި ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށާއި ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ފުރަތަމަ ލަނޑަށްފަހު، ސަމާލުވެގެން ނުކުޅުމުން ކަމަށެވެ.

"ޖުމްލަކޮށް ބަލާއިރު، ފުރަތަމަ ހާފުގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ. ލަނޑު ޖެހުމަށްފަހު، ކުޅުންތެރިން ވަރަށް އުފާކުރި. އެ ލަނޑަށް ފަހު، އަހަރެމެން ޖެހޭނީ ބޮޑަށް ސަމާލުވެގެން ކުޅެން. ނަމަވެސް ފުރަތަމަ ހާފުގައި އެކަން ތަންކޮޅެއް ދަށްވި ނަމަވެސް، ފުރަތަމަ ހާފުގައި ދެއްކީ ރަނގަޅު ކުޅުމެއް،" އޭނާ ބުންޏެވެ.

ޗެލެންޖް ކަޕުގެ ގްރޫޕް ބީގައި އޮތް ލާއޯސް ދެން ނުކުންނަން ޖެހޭނީ ފިލިޕީންސާ ދެކޮޅަށެވެ. އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗަށް ލާއޯސް ނުކުންނާނީ މާދަމާ ހަވީރު 4:00ގަ އެވެ.