އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ތަރައްގީކުރުމުގެ މައިގަނޑު ހަތަރު މަޝްރޫއެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އައިޖީއެމްއެޗް ތަރައްގީ ކުރުމަށް ހިންގަމުން އަންނަ މަޝްރޫއުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ ހިދުމަތްތައް ރަނގަޅުކޮށް ފުޅާ ކުރުމަށް ޓަކައި ހަތަރު މަޝްރޫއެއް ހިންގަމުން އަންނަ ކަމަށެވެ.

"... މިހާރު ވަރަށް މުހިއްމު ހަތަރު މަޝްރޫއެއް ކުރިއަށް އެބަދޭ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ އައިޖީއެމްއެޗް މަރާމާތު ކުރުމުގެ މަސައްކަތް. މިކަމަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރަމުން ގެންދާ ކަމެއް. މިއީ އަޅުގަނޑުމެންގެ 19 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުރެވޭ އެންމެ ބޮޑު މަރާމާތު،" ޒީނަތު ވިދާޅުވި އެވެ.

އަނެއް ތިން މަޝްރޫއަކީ 11 ބުރީގެ އިމާރާތް ނިންމުމާއި ޑައިލިސިސް ސެންޓަރު ބޮޑުކޮށް، ގާބިލުކަން އިތުރުކުރުމާއި އައިޖީއެމްއެޗްގެ ދަށުން ހިންގަމުން އަންނަ ވިލިނގިލީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫއު ކަމަށް އޭނާ ވިދާޅުވި އެވެ.

"... ދެވަނަ ޕްރޮޖެކްޓަކީ 11 ބުރީގެ އިމާރާތުގެ މަސައްކަތް. އެ މަސައްކަތް ވެސް ނިންމައި އެތަނުގެ ހިދުމަތް ވެސް މި އަހަރު ތެރޭގައި ފެށޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. ދެން ހަމަ އެއާ އެކު މިހާރު ހުރި ޑައިލިސިސް ސެންޓަރު އިތުރަށް ފުޅާކޮށް އިތުރު ބަލިމީހުންނަށް އެތަނުގައި ސާވިސް ދެވޭ ގޮތަށް އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ޑަޔަލިސިސް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. ހަމަ އެގޮތަށް އައިޖީއެމްއެޗް މެނޭޖްމެންޓްގެ ދަށުން ހިންގަމުން އަންނަ ވިލިނގިލީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް އެތަނުގެ ހިދުމަތް ވެސް އާއްމު ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ،" ޒީނަތު ވިދާޅުވި އެވެ.

މަރާމާތުކުރަން ހަމަޖެހިފައި ވަނީ ވޯޑުތަކާއި ވޯޑްތަކާ އިންވެގެން ހުރި ފާހާނާތަކާއި ފަޔާފައިޓިން ސިސްޓަމާއި ކަރަންޓް ގްރިޑާއި މުޅި ހޮސްޕިޓަލުގެ ފުރާޅާއި ސީލިންގާއި އޮޕަރޭޝަން ތިއޭޓަރުތަކާއި ލޭބަރޫމާއި ލޭބަ އިންޑަކްޝަން ޔުނިޓާއި އިމަޖެންސީ ހިދުމަތްދޭ ތަންތަން ކަމަށް އައިޖީއެމްއެޗްގެ ޕްރޮޖެކްޓް މެނޭޖަރު އަހުމަދު ފަޔާޒު ވިދާޅުވި އެވެ.
ހިދުމަތްތަކަށް ދައްޗެއް ކުރިމަތިނުވާ ގޮތަށް މަޝްރޫއުތައް ހިންގާނީ ކިހިނެތްތޯ ނޫސްވެރިއަކު ދެންނެވުމުން ފަޔާޒު ވިދާޅުވީ އެކަމާ ބެހޭ ގޮތުން މިދިޔަ ތިން މަސް ދުވަހު މަޝްވަރާކޮށް، ތައްޔާރުވެފައިވާ ކަމަށެވެ.

"... އަޅުގަނޑުމެން މިދިޔަ ތިން މަސް ދުވަހު މި ޕްލޭން ކުރީ މިތަނުގެ ހުރިހާ މެޑިކަލް ޑިމާޓްމެންޓްތަކާ މިތަނުގައި ތިއްބަވާ ހުރިހާ ޓެކްނިކަލް ބޭފުޅުންނާ މެއިންޓެނެންސް ޓީމާ ހުރިހާ ނަރުހުންނާ، ހުރިހާ ބޭފުޅުންނާ އެކީގައި އަޅުގަނޑުމެން މިގެންދިޔައީ މިތަން މަރާމާތު ކުރެވޭނެ އެންމެ ރަނގަޅު ގޮތެއް ބެލުމަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޑެއް ބަންދުކޮށްފިއްޔާ އެވޯޑެއްގެ ހިދުމަތް އެހެން ތަނަކަށް ބަދަލުކުރަން ޕްލޭންކޮށްފައިވާ ކަމަށެވެ. އެގޮތުން އެނެކްސް އިމާރާތަށް ގައިނީ ވޯޑާއި އަލަށް އުފަންވާ ކުދިންގެ ނާސަރީއާއި ޕްރައިވެޓް ވޯޑްތައް މިހާރު އެ އިމާރާތަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަރައްގީކުރުމުގެ މަޝްރޫއު ހިނގާ ދުވަސްވަރު ރާއްޖޭގައި ހަލުވިކޮށް ރޯގާއެއް ފެތުރުން ފަދަ ކަމެއް ކުރިމަތި ވެއްޖެ ނަމަ އެކަމާ ކުރިމަތިލާން އައިޖީއެމްއެޗް ތައްޔާރުވެފައި ވޭތޯ ސަން އިން ދެންނެވުމުން ފަޔާޒު ވިދާޅުވީ އެ ފަދަ ކަންކަމަށް ތައްޔާރު ވެފައިވާ ކަމަށެވެ.

"... އާދެ ހޭންޑުލް ކުރެވޭނެ. އެ ހުރިހާ ސްޓެޓިސްޓިކްސް ހަދައިގެން އަޅުގަނޑުމެންގެ ހުރިހާ ޑިޕާޓްމެންޓެއްގެ ހުރިހާ ބޭފުޅުންނާ ވެސް މަޝްވަރާކޮށްގެން އެކަން ކުރިއަށް މިގެންދަނީ އިނގޭތޯ. އެހާ ބޮޑު ތަނެއް ބަންދެއް ވެސް ނުކުރެވޭނެ މިތާކު. އެކަން އޮންނާނީ ކޮންޓްރެކްޓަރަށް ވެސް އަންގާފައި. ކޮންޓްރެކްޓަރު ބޭނުންވާނެ ވީހާ ވެސް ބޮޑުތަނެއް ނިންމަން. އަޅުގަނޑުމެންގެ ޕްލޭންގައި އޮންނާނީ ތިޔަ ހުރިހާ ކަމަކަށް ވެސް އެޑްރެސްކޮށްފައި،" އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗް މަރާމާތުކުރުމަށް އިންޑިއާ ސަރުކާރުން 10 މިލިޔަން ޑޮލަރު ހަރަދުކުރާނެކަން ކުރިން ވަނީ އިއުލާންކޮށްފަ އެވެ. އިންޑިއާ ސަރުކާރުން އެމަސައްކަތް ހަވާލުކޮށްފައި ވަނީ އެގައުމުގެ ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި ނެޝަނަލް ބިލްޑިން ކޯޕަރޭޝަނާ އެވެ.