21 May 2014, 12:36
ގަތަރު އެއާވޭސް އިން އަލަށް ގަނެފައިވާ، ދުނިޔޭގެ އެންމެ ބިޔަ ޕަސެންޖަރ އެއާކްރާފްޓް ކަމަށް ވާ އެއާބަސް އޭ380 ގެ ދެވަނަ އެއާކްރާފްޓް، ގަތަރުގެ ދޯހާގައި ވާ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް އާއި ފްރާންސް ގެ ޕެރިސްގައިވާ ޝާލް ޑެ ގޫލް އެއާޕޯޓް އާއި ދެމެދު، ޖުލައި 3 ން ފެށިގެން އުދުހެން ފަށާނެކަމަށް ގަތަރު އެއާވޭސް އިން ބުނެފިއެވެ.
ގަތަރު އެއާވޭސް އިން ވަނީ މި އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހު ފެށިގެން ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް އާއި އިނގެރޭސި ވިލާތުގެ ލަންޑަންގައިވާ ހީތުރޯ އެއާޕޯޓް އާއި ދެމެދުއެ އެއާލައިންގެ ފުރަތަމަ އޭ380 ގެ ދަތައް ފަށާނެ ކަމަށްވެސް ބުނެފައެވެ.
ގަތަރު އެއާވޭސްގެ ދެވަނަ އޭ380 އެއާކްރާފްޓްގެ ދަތުރުތައް ފަށާ ރޫޓް އިއުލާނުކުރުމާ ގުޅިގެން އެ އެއާލިންގެ ސީއީއޯ އަކްބަރު އަލް ބޭކަރ ބުނީ ގަތަރު އެއާވޭސްގެ ފުޅާވަމުން އަންނަ ފްލީޓްއަށް އިތުރު އެއާކްރާފްޓް އެއް ތައާރަފްވެގެން ދިއުމަކީ ފާހަގަކޮށްލަން ޖެހޭ، މުހިއްމު ކަމެއް ކަމަށެވެ.
“މި އެއާކްރާފްޓް އުދުހޭނީ ދޯހާ އިން ޕެރިސް ޝާލް ޑެ ގޫލް ރޫޓްގައި. އޭގެ ކެބިންތަކަށް ގެނެސްފައިވާ ފަސް ތަރީގެ ބަދަލުތަކާ އެކު މި އެއާކްރާފްޓް ވެގެން ދާނީ އަހަރަމެންގެ ކަސްޓަމަރުންނަށް އައު އުސްމިނެއްގެ އަރާމާ ހިތްހަމަޖެހުން ގެނެސްދޭނެ އެއާކްރާފްޓަކަށް،”އަކްބަރު އަލް ބޭކަރ ބުންޏެވެ.
މިދިޔަ މާޗް މަހު ޖަރުމަނު ވިލާތުގެ ވެރިރަށް ބަރލިންގައި ބޭއްވުނު އައިޓީބީ ޓްރެވަލް ފެއާގައި ގަތަރު އެއާވޭސްއިން ވަނީ އެ އެއާލައިންގެ އައު އޭ380 ގައު ހުންނާނެ ފަސްޓް ކްލާސް ގޮނޑިތައް ދައްކާލާފައެވެ. ގޮނޑިތައް ފަރުމާކޮށްފައިވަނީ ފަސެންޖަރުންނަށް ފަސޭހައިން ނިދާލެވޭގޮތަށް، ގޮނޑީގެ ލެނގޭބައި 90 ޑިގްރީއަށް ތިރިކޮށްލެވޭ ގޮތަށް ކަމަށް ގަތަރު އެއާވޭސް އިން ބުންޏެވެ.
ހަމަދު އިންޓަނޭޝަނަލް އެއާޕޯޓަކީ ގަތަރު އެއާވޭސް ގެ އައު މަރުކަޒުކަމަށް އެއާލައިނުން ވަނީ ކަނޑައަޅާފައެވެ. އަދި މި މަހު 27 ވަނަ ދުވަހުން ފެށިގެން ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުން އޮޕަރޭޓް ކުރަން ފަށާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
އަލަށް ހުޅުވުނު ހަމަދު އިންޓަނޭޝަނަލް އެއާޕޯޓްގައި ވާ 6 ގޭޓް އަކީ އޭ380 މަރުކާގެ މަތިންދާބޯޓު ކައިރިކުރުމަށް ހާއްސަކޮށްފައިވާ ގޭޓްތަކެކެވެ. އެއްފަހަރާ ދެ އޭ380 އެއާކްރާފްޓް ބާއްވާލެވޭ ވަރުގެ މެއިންޓެނަންސް ހެނގަރ އެއްވެސް ހަމަދު އިންޓަނޭޝަނަލް އެއާޕޯޓްގައު ހުރެއެވެ. މިއީ ދުނިޔޭގައިވާ އެންމެ ބޮޑު ހެނގަރ ވެސް މެއެވެ.
ގަތަރު އެއާވޭސް ގެ ފްލައިޓްތައް ދަތުރުކުރަން ފެށިތާ 17 އަހަރު ވެފައި ވާ އިރު، އެ އާލައިންގެ 134 އެއާކްރާފްޓްއެއް 139 މަންޒިކަށް މިހާރު ދަތުރު ކުރެއެވެ.