ގައުމީ އެއާލައިން މޯލްޑިވިއަން އިން ސީ ޕްލޭންގެ ދަތުރުތައް ފެށުމުގެ ގޮތުން ތައްޔާރު ކުރަމުންދާ "ފްލޯޓިން ޖެޓީ"ގެ މަސައްކަތް ނިންމާލައިފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން"އަށް ވިދާޅުވީ ސީ ޕްލޭން އަށް އެރުމަށް ބޭނުންކުރާ ޖެޓީގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ. އަދި ސީ ޕްލޭންގެ ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތަކުގެ ތެރެއިން ބޮޑު ބައެއް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.

"ސީ ޕްލޭން ވެސް މިހާރު މިވަނީ ގެނެވިފައި، ޖެޓީ ވެސް މިވަނީ ނިމިފައި، ތައްޔާރީތައް ވަރަށް ބޮޑަށް ނިމިފައި މިވަނީ،" ޓީއެމްއޭގެ އުތުރަށް އޮންނަ ޖެޓީއާ ބެހޭ ގޮތުން ނަޝާތު ވިދާޅުވި އެވެ.

ނަޝާތު ވިދާޅުވީ މިއަންނަ މަހުގެ ތެރޭގައި ސީ ޕްލޭންގެ ހިދުމަތް ފެށިގެންދާނެ ކަމަށާއި ނަމަވެސް އަދި ވަކި ތާރީހެއް އަދި ނުނިންމާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަންގެ ޗެއާމަން އަހުމަދު ޝަފީއު ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ މޯލްޑިވިއަނުން ސީ ޕްލޭންގެ ޚިދުމަތް ފަށާ ރައްޔިތުންނަށް ފަސޭހަ ހިދުމަތެއް ވީހާ ވެސް އަވަހަށް ދިނުން ކަމަށެވެ.

މޯލްޑިވިއަންގެ ފުރަތަމަ ސީޕްލޭން "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް" ވަނީ މިހާރު ރާއްޖެ ގެނެސްފަ އެވެ.

ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ދުނިޔޭގެ މަޝްހޫރު ޕްރައިވެޓް އިކުއިޓީ ކުންފުންޏެއް ކަމަށްވާ ނިއުޔޯކުގެ "ބްލެކްސްޓޯން ގްރޫޕް"އިން ރާއްޖޭގައި ސީ ޕްލޭން އޮޕަރޭޓް ކުރަމުން ގެންދިޔަ ދެ ކުންފުނި މޯލްޑިވިއަން އެއާ ޓެކްސީ (އެމްއޭޓީ) އާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މެޖޯރިޓީ ހިއްސާ ގަތުމަށް ފަހު އެ ދެ ކުންފުނި ވަނީ މިހާރު އެއްކޮށްލައިފަ އެވެ. އެހެންކަމުން މޯލްޑިވިއަންގެ ދަތުރުތަކާ އެކު ސީ ޕްލޭންގެ ވާދަވެރިކަން އަނެއްކާ ވެސް އިތުރު ވާނެ އެވެ.