21 May 2014, 12:08
އޭއެފްސީ ޗެލެންޖް ކަޕްގައި ރާއްޖެކުޅޭ ދެވަނަ މެޗުގައި މިރޭ ކިރްގިސްތާނާ ދެކޮޅަށް ނުކުންނަ އިރު، ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރަައިގެ އަސަރު މިރޭ މާލެއަށާއި މާލެ ސަރަހައްދަށް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ދެކުނަށާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. ނަމަވެސް މިރޭ ވިއްސާރައިގެ އަސަރު ކުރާނެ ވަކި ގަޑިއެއް ބުނަން ނޭނގޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
އިއްޔެ ހެނދުނު އަށަކުން މިއަދު ހެނދުނު އަށަކަށް މާލެއަށް 51 މިލި މީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެދު ރާއްޖެ ތެރެއާއި ދެކުނުގެ ސަރަހައްދުތަކަށް ވައިޖެހޭނެ ގޮތަށް ބަލާ އިރު، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭ އިރު، ކޮޅިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަަމަށްވެސް މެޓް އޮފީހުން ބުންޏެވެ. އަދި ރާއްޖޭގެ ދެކުނާއި މެދުރާއްޖެ ތެރޭގެ އެކި ހިސާބުތަކުގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ނަމަވެސް އުތުރުގެ އަތޮޅުތަކުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށާއި އެގޮތުން އުތުރުގެ އަތޮޅު ތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރާ އިރު، އެ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ދެކުނަށާއި މެދު ރާއްޖެ ތެރެއަށް ވިއްސާރަ ކުރާނެ ކަމަށެވެ.
ރާއްޖެއާއި ކިރްގިސްތާން ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގަައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.