މާލެ ސިޓީގެ ތަރައްގީގެ ޕްލޭންތައް ކުރިއަށް ގެންދިއުމަށް އުމްރާނީ ގޮތުން ކުރިއަރާފައިވާ ސިންގަޕޫރުގެ ތަޖުރިބާކާރު ޓީމެއް ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިންގަޕޫރުގެ ތަޖުރިބާކާރުންގެ ޓީމެއް ގެނައުމާއިމެދު މަޝްވަރާތައްކޮށްފައިވާ ކަމަށާއި އަދި އެ ޓީމް އަންނަ މަހުގެ ކުރީ ކޮޅު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ސިޓީ ރީ ޑިވްލޮޕް ކުުރުމާއި ބެހޭ ގޮތުން ސިންގަޕޫރުގެ ޓީމުން ސަރުކާރަށް ފަންނީ ލަފާއަރުވާނެ ކަމަށެވެ. އޭގެ އިތުރުން މާލެކައިރި ރަށްތައް ތަރައްގީ ކުރުމުގައި ވެސް އެ ޓީމްގެ އެހީތެރިކަން ހޯދުމަށް ހަމަ ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މާލެ ރީ ޑިވްލޮޕް ކުރުމުގައި އެމީހުންގެ ފަންނީ ލަފާލިބިގެންދާނެ. އަދި މާލެ ކައިރިރަށްތަށް ތަރައްގީކުރުމަށްވެސް އެހީތެރިވެދޭނެ. އަޅުގަނޑުމެން މިހާރު މަަސައްކަތް ކުރަމުންމިދަނީ އަންނަ މަހުގެ ކުރީކޮޅު ގެނެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސީޓީގެ ތަރައްގީގެ މަޝްރޫއުތައް ހިންގާނީ މާލެ ސިޓީ ކައުންސިލާއި ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ސިންގަޕޫރުގެ ޓީމެއް ގެނައުމަށް ސަރުކާރުން ނިންމުމަށްފަހު އެކަން އަންގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.